މިހާރު ތިއޭޓަރުތަކުގައި އެންމެ ހިނގާ އެއް ފިލުމު ކަމުގައިވާ އަންތިމް: "ދި ފައިނަލް ޓްރުތު"ގައި ސަލްމާން އަދާ ކޮށްފައިވާ ފުލުސް އޮފިސަރެއްގެ ރޯލު ކުޅުމަށް ބިރުގަތް ކަމަށް ސަލްމާން ހާން ބުނެފިއެވެ.

މީގެ ކުރިން އެތައް ފިލުމެއްގައި ކުޅަދާނަ ފުލުސް އޮފިސަރެއްގެ ރޯލުން ފެނިފައިވާ ސަލްމާން ވަނީ އަންތިމްއާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކައިފައެވެ.

''އަހަރެންނަށް އެނގޭ ފިލުމުގައި އަހަރެންގެ ކެރެކްޓަރ. ޑައިރެކްޓަރ ކެރެކްޓަރ ކިޔައިދީފައިވާ ގޮތަށް ދައްކުވައިދެން ތައްޔާރަށް ހުރީ. ނަމަވެސް ޝޫޓިން ފެށުމުން އަހަރެން ހިތަށް އެރި އަހަރެންގެ ރޯލު ފުރިހަމައަށް ދައްކުވައިނުދެވެއޭ. ނަމަވެސް ފަހުން އަމިއްލައަށް ކޮންފިޑެންސް ހޯދައިގެން މަސައްކަތް ފެށީ. އަޔުޝް ވެސް އޭނާގެ ރޯލު ފުރިހަމައަށް އަދާކުރި. އެހެންވީމާ އަހަރެންގެ ރޯލު ވެސް ފުރިހަމައަށް އަދާކޮށްގެން ނޫނީ އަޔުޝްގެ ރޯލު ރަނގަޅަށް ބަލައި ނުގަނެވޭނެ'' ސަލްމާން ބުނެފައިވެއެވެ.

އަންތިމްގައި ސަލްމާން އަދާކޮށްފައިވަނީ ފުލުސް އޮފިސަރެއްގެ އިތުރުން ސަރުދާރެއްގެ ރޯލެވެ. އެހެންކަމުން އޭނާގެ ރޯލާއި މެދު ވަރަށް ފަރުވާތެރިވެފައިވާނެ ކަމަށް ވެސް ސަލްމާން ޚާން ބުނެފައިވެއެވެ.

ސަލްމާން ޚާނަކީ މީގެ ކުރިން ''ވޯންޓެޑް''، ''ދަބަންގް'' ސީކުއަލްގެ ފިލުމުތައް، ''ރާދޭ: ޔުއަރ މޯސްޓް ވޯންޓެޑް ބާއީ''، ''އައުޒާރު''، ''ގަރްވް'' ފަދަ އެތައް ފިލުމެއްގައި ސިފައިންގެ ރޯލުން ފެނިފައިވާ ފަންނާނެކެވެ.