ކުޑަކުދިންނަށް ކާން ދިނުމަކީ ގިނަ ބެލެނިވެރިންނަށް ވަރަށް އުނދަގޫ ކަމެކެވެ. ތަށި ހިފައިގެން ކުއްޖާ ފަހަތުން ކާން ދޭން ހިނގުމާއި އެތައް ގަޑިއިރެއް ވަންދެން ކާން ދިނުމުގައި ހޭދަ ކުރަން ޖެހެއެވެ.

ވަކިން ހާއްސަކޮށް ގޭގައި ކައްކާ ބާވަތުގެ ކާނާ ކެއުމަށް ކުޑަކުދިން އިންކާރު ކުރެއެވެ. އެ އެއްޗެހީގެ ރަހަ ބެލުމަށް ވެސް ދެކޮޅު ހަދައެވެ.

މިފަދަ ކުދިންނަށް ކާން ދިނުމުގައި ކަންތައް ކުރަންވީ ގޮތް މަނިޕަލް ހޮސްޕިޓަލުގެ ޑޮކްޓަރު ކްރިތިކާ އަގަރްވާލް ވަނީ ކިޔައި ދެއްވައިފައެވެ.

''ކާ އެއްޗެއް ކެއުމުގެ ކުރިން ފަހެއް ނުވަތަ 15 ވަރަކަށް ފަހަރު އެކަމަށް އިންކާރު ކުރާނެ. އެހެންވީމާ ހިތްވަރު އެލުވާނުލާ ކެތްތެރިކަމާއެކު ކުއްޖާ އެކަމަށް އެއްބަސް ވަންދެން ބުނަން ޖެހޭ. އަދި ކޮންމެ 10 ދުވަހަކުން އާ ވައްތަރެއް ކާން ދިނުމަށް މަސައްކަތް ކުރަންވާނެ'' ކްރިތިކާ ވިދާޅުވިއެވެ.

އާ ބާވަތުގެ ކާނާއެއް ކާން ދިނުމަށް ފަށައިގަންނައިރު އެ އެއްޗެއް އެއްކޮށް ކެއުމަށް ކުއްޖާއަށް މަޖުބޫރު ނުކުރުމަށާއި ހަމައެކަނި ރަހަ ބަލާލަން ދިނުން ރަނގަޅުވާނެއެވެ. ކުއްޖާއަށް އޭގެ ރަހަ މީރު ވަންދެން އެތިކޮޅެއް ނަމަވެސް ދިނުން ރަނގަޅު ވާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކާ ތަށީގައި ކުލަކުލައާއި ތަފާތު ބައްޓަން ބޭނުންކޮށް، ކުއްޖާ ޝައުގުވެރި ކުރުވަން ޖެހެއެވެ. އަދި އަތުން ކެއުމަށް ހިތްވަރު ދިނުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް ބުނެފައިވެއެވެ.

ކުއްޖާއަށް ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހި ދިނުމަށް އަބަދުވެސް ހަނދާން ކުރަންޖެހޭނެއެވެ. ބައިގަޑިއެއްހާއިރު މަސައްކަތް ކުރުމަށް ފަހު ކާންދިނުން ހުއްޓާނުލުމަށް ވެސް ޑޮކްޓަރު އިރުޝާދު ދެއްވައެވެ.

ކުއްޖާ އަމިއްލައަށް ކާހިތުން ނުވަތަ ކާން ބޭނުންވެގެން ކަންދެން މިގޮތަށް ކަންތައް ކުރަންޖެހޭނެއެވެ. އަދި ގަދަކަމުން ކުއްޖާއަށް ކާންދިނުމަކީ ކުރުން ރަނގަޅު ނޫން ކަމެއްކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު