އަޖޭ ދޭވްގަންއާއި ކާޖޮލް އަދި އަކްޝޭ ކުމާރާއި ޓުވިންކަލް ކަންނާ ބިލުތަކާއި ގޭތެރޭގެ ޚަރަދުތައް ބަލަހައްޓާގޮތް ހިއްސާ ކޮށްފިއެވެ.

ޓުވީކް އިންޑިޔާގެ ފަރާތުން ކާޖޮލްއާއި އިންޓަވިއު ކުރަމުން ޓުވިންކަލް ސުވާލު ކޮށްފައިވަނީ ކާޖޮލްއާއި އަޖޭ ގޭތެރޭގެ ހަރަދުތަކާއި ބިލުތައް ބަލަހައްޓަނީ ކިހިނެއްތޯއެވެ.

މި ސުވާލު ކުރުމުން ޓުވިންކަލް ބުނެފައިވަނީ އޭނާއާއި އަކްޝޭ ގޭތެރޭގެ ހަރަދުތައް ބަލަހައްޓަނީ ދެމީހުންނަށް ބަލަހައިގެން ކަމަށެވެ. އަކްޝޭއާއި ޓުވިންކަލްގެ ދެ ދަރިން ކަމުގައިވާ އާރަވްއާއި ނިތާރާގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ޓުވިންކަލް ކަމަށާއި އެހެން ހަރަދުތައް ބަލަހައްޓަނީ އަކްޝޭ ކަމަށް ބުނެފައިވެއެވެ.

މިގޮތަށް ބުނުމަށް ފަހު ލާނެތް ހިނިތުންވުމަކާއި އެކު ޓުވިންކަލް ބުނެފައިވަނީ ކުދިންނަށް ތަޢުލީމު ލިބިފައި އެހުރީ ޓުވިންކަލްގެ މަސައްކަތުން ކަމަށް ބުނެވޭނެ ކަމަށެވެ.

ޓުވިންކަލްގެ މި ސުވާލަށް ޖަވާބުދެމުން ކާޖޮލް ބުނެފައިވަނީ ގޭތެރޭގެ ހަރަދުތަކުގައި ދެމީހުންގެ ވެސް ހިއްސާ އޮންނަ ކަމަށެވެ. އޮންލައިންކޮށް ދައްކަން ޖެހޭ ހުރިހާ ބިލުތަކެއް ދައްކަނީ ކާޖޮލް ކަމަށާއި އޮފްލައިންކޮށް ދައްކަން ޖެހޭ ބިލުތައް ދައްކަނީ އަޖޭ ކަމަށް ވެސް ކާޖޮލް ބުނެފައިވެއެވެ.

ގޭތެރޭގެ ހަރަދުތަކުގެ އިތުރުން ޒިންމާތައް ވެސް ބަހައިލާފައިވާ ކަމަށް ކާޖޮލް ބުނެފައިވެއެވެ. ދަރިން ސުކޫލަށް ގެންދިޔުމާއި އެހެނިހެން ކަންތައްތަކުގައި ވެސް އަޖޭގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ކާޖޮލް ބުނެފައިވެއެވެ.

އަޖޭއާއި ކާޖޮލް ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މިދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ.

އަކްޝޭއާއި ޓުވިންކަލް ކައިވެނި ކޮށްފައިވަނީ 2001 ވަނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުއެވެ. މި ދެމަފިރިންނަށް ވެސް ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ލިބިފައެވެ.