ދ. އަތޮޅުގައި އޮންނަ "އާވީ ނޭޗާސް ޕެރެޑައިޒް" ރިސޯޓަށް ދިއުމަށް ވަރަށް ކުރީ ބައިގައި ތައްޔާރުވެ، ދަތުރު ފަށައި، ހެނދުނު 10:30 ގައި ފުރާނެ ކަމަށް ހީކޮށް މެރީ ބްރައުން ކައިރިން ބަނދަރަށް ދިޔައީ ފުރަން ބުނި ގަޑީގެ 15 މިނެޓު ކުރިންނެވެ. ދަތުރަށް ހޭދަވާނެ ކަމަށް ބެލެވޭ ގަޑީގެ ގޮތުގައި ފުރަތަމަ ބުނީ ފަސް ގަޑިއިރެވެ. ދ. އަތޮޅަށް ދާން ފަސް ގަޑިއިރު ނަގާފާނެތޯ ސުވާލު ވެސް އުފެދުނެވެ.

އެކަމަކު ރަނގަޅަށް އޮޅުން ފިލުވާލި އިރު މާލެ އިން ރިސޯޓަށް ދިއުމަށް ހޭދަވަނީ ދެގަޑިއިރާއި 30 މިނެޓެވެ.

ބަނދަރު ކައިރި އަށް ގޮސް، ރިސޯޓުގެ ދަތުރުފަތުރުގެ ކަންކަމުގައި އުޅޭ މުހައްމަދު އާލިމަށް ގުޅުމުން އެނގުނީ ފުރަނީ 45 މިނެޓު ފަހުން ކަމެވެ. އެގާރަ ޖެހުމުގެ ކުރިން ލޯންޗު ކައިރިކޮށްލާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑަށް އާލިމް ދިނެވެ.

އާލިމްއަކީ ބަންގްލަދޭޝް އަށް އުފަން މީހަކަށް ވިޔަސް، އޭނާ ދިވެއްސަށް ފަރިތަކަމުން އަޖައިބުވިއެވެ. މެރީ ބްރައުން ކައިރިން އާލިމްއާ ދިމާވީ ފުރާ ގަޑިއާ ދިމާކޮށެވެ.

ކަނޑުގެ ރާޅުތަކާ "ކުރިމަތިލަމުން" ލޯންޗުގައި އަހަރުމެން ދަތުރު ފެށީމެވެ. ކޮންމެވެސް ވަރަކަށް ކަނޑު ގަދައެވެ.

ކަނޑު ގަދަ ދުވަހަކަށް ވުމާ ވެސް އެކީގައި ހަތަރު ގަޑިއިރާއި 30 މިނެޓުން ރިސޯޓަށް އާދެވުނެވެ. ކަނޑު ގަދަ ކަމުން ލޯންޗު ދުއްވީ ރާއްޖޭގެ އެތެރެވަރަށް ވުރެ ބޭރުންނެވެ. އަނެއްކާ މިއީ ސީދާ ރިސޯޓަށް ދާ ލޯންޗެއް ނޫންކަމުން އެތައް ރަށެއްގައި މަޑުކުރިއެވެ.

އާވީ ނޭޗާސްގެ ޖެޓީ :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ދިގު ދަތުރަކަށްފަހު ލޯންޗު ރިސޯޓަށް ލެފިއެވެ. މަރުހަބާ ކިޔުމަށް ޖެޓީގައި ތިބީ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ޝަމީމް ސަލީމް އާއި އެ ރިސޯޓްގެ ހިއުމަން ރިސޯސް މެނޭޖަރު ރަޒާލާ ޝަރީފް (ރޯޒީ)އެވެ. ޖެޓީން ހިނގާލާފައި ޝަމީމް އާ ވާހަކަދައްކަމުން ކުޑަތަންކޮޅަކަށް ދިޔައިރު ފެނުނީ ބޮޑު ނިކަ ގަހެއްގައި “އާވީ” ލިޔެފައިވާ ތަނެވެ. ވަރަށް ފުރިހަމަކޮށް ކާށިން މިގޮތަށް ލިޔެފައިވެއެވެ.

ރީތި ހިތްގައިމު އާވީ ނެޗާރސް ޕެރެޑައިސްގެ ރީތިކަން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ރިސޯޓުގެ ބާގައި އިށީނދެލައި ވާހަކަދައްކަން ފެއްޓީމެވެ. ވެލްކަމް ޑްރިންކަކަށް ލިބުނީ ކުރުނބާއެވެ. އަހަރެންނަށް ހީވީ މި އުޅެނީ ހަމަ މޮޅު ފަންތީގެ ރަށަކަށް އާދެވިގެން އުޅޭހެންނެވެ.

އެ ބާގެ ކުރިމަތިން ފެންނަނީ ރެސްޓޯރެންޓެވެ. އެ ރެސްޓޯރެންޓްގެ ވާތު ފަޅިން ރިސެޕްޝަން ފެނެއެވެ.

ޝަމީމް ފާހަގަކުރެއްވީ ރިސޯޓަށް ދިވެހިން ގެންނަން ބޭނުންވާ ވާހަކައެެވެ. މިއީ ދިވެހިންނާ ގުޅޭ ދިވެހިންގެ ރިސޯޓަކަށް ހަދަން ބޭނުންވާ ވާހަކައެވެ. ރިސޯޓްގެ ކޮންމެ ދިމާލަކުން އަދި ރިސޯޓުގައި ގެންގުޅޭ ކޮންމެ އެއްޗަކުން ވެސް ދިވެހިންގެ އަތްތެރި މަސައްކަތްތައް ފެންނަ ވާހަކައެވެ.

އާވީ ނޭޗާސް ރިސޯޓްގެ ބާގެ ފޮޓޯތަކެއް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވީ އިށީނދެގެން އިން ލަކުޑި ގޮނޑިއެވެ. މިއީ އެތަނުގެ މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަތްތެރި މަސައްކަތްތެރިކަން ފާހަގަކުރިއެވެ. އޭގެ އިތުރަށް އޭނާ ދެއްކީ ރިސޯޓްގެ ލައިޓްތަކުގެ ވާހަކައެވެ. އޭގެ ދެވަނަ ލައިޓްތަކެެއް އިތުރު އެއްވެސް ތަނެއްގައި ނުހުންނާނެ ކަމާއި ދިވެހި ވަޑިއެއްގެ ވިސްނުމާއި ހިޔާލުން އޭނާ ގެންގުޅޭ ހުނަރުވެރި މުވައްޒަފުންގެ މަސައްކަތް ކުރި ކަންކަމުގެ ވާހަކައެވެ.

އެތަނުގައި އެކި ވާހަކަދެއްކިއެވެ. ރިސޯޓުގެ ތަންތަނަށް ދީފައި ވަނީ ދިވެހި ނަންތައް ކަމާއި އެ ނޫން ވެސް އެތައް ވާހަކައެކެވެ.

އާވީ ރިސޯޓްގެ ބާ، މިތަނަށް ދީފައިވާ ދިވެހި ނަމަކީ ވީރު :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ކޮޓަރިއަށް ދިޔަ މަގުމަތީ ފެނުނީ ދެފަރާތުން ގަހާއި ރުއް ގަސް ހައްދާފައިވާ މަގެކެވެ. ރަތާއި ރީނދޫ ކުލައިގެ ސައިމާ ވެސް ހުއްޓެވެ. އެ މަގުން ހިނގައިގަތް އިރު ޖެހޭ ވައިރޯޅީގެ ހިތްގައިމު ކަމާއެވެ. މާ ގިނަ އިރުނުވެ ދާން ބޭނުންވާ ކޮޓަރި އަށް ދެވުނެވެ. އެއީ މި ރިސޯޓްގެ "ކޮޓަރި" ކެޓެގަރީގެ ކޮަޓަރިއެކެވެ. ނޫނީ ޑެކް ވިލާއެވެ.

އާވީގެ ޖެނެރަލް މެނޭޖާއެކު ވަގުތު ކޮޅެއް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އެ ކޮޓަރިއާ ދިމާލުންވެސް ހުރީ ގަސްގަހާއި ރުކެވެ. ކޮޓަރީގެ އެތެރެއަށް ނަޒަރު ހިންގާލިއިރު އަހަރުމެންނަށް އެ ކޮޓަރި ހުރީ ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށްފައެވެ. އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑު ކުރުމަށްފަހު ވަނީ ފާހަނައަށެވެ. ހީވީ ޒަމާނީ ގިފިއްޔަކަށް ވަދެވޭހެންނެވެ. އެ ގިފިލި ތެރޭގައި ރުއްވެސް ހުއްޓެވެ. އަދި މަތި ހިޔާކޮށްފައި ނެތުމުން ހިތްގައިމު ވައި ލިބިލިބި ހުއްޓެވެ.

އާވީ ނޭޗާގެ ކޮޓަރި ކެޓެގަރީގެ ފާހަނަ، ހީވަނީ ޒަމާނީ ގިފިއްޔަކަށް ވަދެވޭހެން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އެ ދުވަހުގެ ހަވީރު 5:00 ޖެހި ހާއިރު ކޮޓަރިން ނުކުމެގެން ޝަމީމް އާއި ރޯޒީ އާއި ފޮޓޯގްރާފަަރު އަހުމަދު އަލީއާއެކު ދަތުރު ފެށީ ރިސޯޓް ބަލާލުމަށެވެ.

އަހަންނަށް ފާހަގަވި އެއް ކަމަކީ ރަށުގެ ތަންތަނުގެ މަގުދައްކަން ލިޔެފައިވާ އެއްޗެހި ހުރީވެސް ކާށީގައި ލިޔެފައި ކަމެވެ.

އާވީ ނޭޗާސް ރިސޯޓްގައި ކޮޓަރީގެ ނަމްބަރު ކާއްޓެއްގައި ލިޔެފައި - ވަގުތު އިމޭޖްސް: އަހްމަދު އަލީ

މިރަށަކީ ބިން ބޮޑު ރަށެކެވެ. ސާފު ވައި ލިބޭ އަރާމު ތަނެކެވެ. އެންމެ ހިތްގައިމީ ގަސްތަކުގެ ހިޔަލާއި ގަސްތަކުގައި ހަރުކޮށްފައި ހުރި އުނދޯލިތަކުގައި އިށީނދެގެން އިންނައިރު އެ ލިބޭ ސާފް ވަޔެވެ.

އާވީ ނޭޗާސް ރިސޯޓްގެ ގަހެއްގައި އެލުވާފައިވާ އުނދޯއްޔެއް

ރިސޯޓްގެ އެތެރެއަށް ވަދެގެން ދާއިރު ރަށުގެ ދެ ފަރާތުގައިވެސް ކޮޓަރިތައް ހުއްޓެވެ. ތިން ކެޓެގަރީގެ 33 ކޮޓަރި ހުންނަ މިރަށުގެ ކޮންމެ ކޮޓަރީއަކީވެސް ދިވެހިވަންތަ ކޮޓަރިތަކެކެވެ. ދިވެހިންގެ އަތްތެރި އެތައް މަސައްކަތެއް ފެނިގެން ދެއެވެ. އޭގެ ތެރެއިންވެސް ހާއްސައީ ރިނބުދޫ ވިނަރެސްގެ ނިޒާރް އަހުމަދުގެ ގޯއްޗެވެ.

ގޯތި ކެޓެގަރީގެ ހާއްސަ ކޮޓަރި، :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މިއީ އެ ރިސޯޓުގައި ހުންނަ ހާއްސަ ކޮޓަރިއެކެވެ. އެއީ މިރަށުގެ އެންމެ އަގުބޮޑު އެއް ކޮޓަރިއެވެ. އެ ކޮޓަރިއަކީ އިހުގެ ގޮތަށް އެކަމަކު، ޒަމާނީ ވައްތަރަށް ފަރުމާކޮށްފައިވާ ކޮޓަރިއެކެވެ. އޮށްވެލި އަޅައި، އިހު ޒަމާނުގެ ފެންޑާވެސް ހުންނަ ކޮޓަރިއެކެވެ. ޖޯއްޔެއްވެސް ބަހައްޓާފައިވާ މި ގޯތީގެ ބޮޑު ބައި ހުސްކޮށް ހުންނަ އިރު ކޮފީ މޭޒެއްވެއެވެ. މިއީ އިހުގެ އެވޭލާ ޒަމާނުގެ ގޯތިތައް މި ޒަމާނަށް ފެއްތުމަށް ހަދާފައިވާ ގޯއްޗެކެވެ.

އެރަށުގައި ގާއިމްކޮށްފައިވާ އަށިތަކުގައިވެސް ވަގުތުތައް ހޭދަކުރީމެވެ. އެއީވެސް ފަތުރުވެރިންނަށް އިރުއޮއްސޭ މަންޒަރު ބަލަން އިށީނދެގެން ތިބެން ހަދާފައިވާ ފުރިހަމަ އަށިތަކެކެވެ. އެ އަށިތަކަށް ކިޔަނީ ވެލި އައްޓެވެ.

ރީތި ހިއްގާއިމު އާވީ ނެޗާރސް ޕެރެޑައިސްގެ ރީތިކަން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ރިސޯޓްގެ ގޮނޑުދޮަށަށް ދިޔައިރު، ރިސޯޓްގެ އެކި ސަރަަހައްދުތަކުގައި މޫދުގައި އާއި އެކި ތަންތަނުގައި ޖަހާފައިވާ ކުޑައެެއް ކަހަަލަ އެއްޗެއް ލޮލުގައި އަޅައިގަތުމުން ޝަމީމްއާ ސުވާލު ކުރީމެވެ. ޝަމީމް ވިދާޅުވަނީ އެއީ ދޫނި އަށިތައް ކަމެވެ. ރިސޯޓުތަކަށް ހެދުމުގެ ކުރިން ވެސް އެ ތަނަކީ ދޫނިތައް އައިސް އުޅޭ އަށިތަކެކެވެ. ދޫނިތަކަށްވެސް މިތަން ހާއްސައެވެ. އެއީ ދޫނިތަކުގެ ގެދޮރެވެ. އެހެންކަމުން މިއީވެސް އަހަރެންނަށް ހަމަ ތަފާތެކެވެ.

އާވީ ނޭޗާސް ރިސޯޓްގައި ހުންނަ ދޫނި އައްޓެއް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

ދެން ދިޔައީ ރަށުގެ އެންމެ ބޮޑު ގޮނޑުދޮށަށެވެ. ވަރަށް ސާފު ހުދު ދޮންވެލިގަނޑެކެވެ. ފެނިގެން ދިޔައީ ގިނަ ފަތުރުވެރިންތަކެއް އެކި ކަންކަމުގައި ޝާމިލްވެ އުޅޭ ތަނެވެ. އެތަނުގައިވެސް ބާއެއް ގާއިމް ކޮށްފައިވެއެވެ. އެތަނުގެ ނަމަކަށް ދީފައި ވަނީ "ވަކަރު" ބާއެވެ.

"ވަކަރު" ބާ :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އެއީ އިރުއޮއްސެމުންދާ ވަގުތު ކަމުން ރަށުގެ އެކި ސަރަހައްދުތަކުގައި އެ މަންޒަރު ބަލަން އިށީނދެގެން ތިއްބެވެ. އިރުއޮއްސުމާއެކު އެންމެން ތިބީ ފޮޓޯ ނެގުމުގައެވެ.

އަހަރުމެން ރިސޯޓް ތެރެ ބަލާލީމެވެ. އެ ދުވަހު ބެލެން ހުރި ވަރަށް ބެލީމެވެ.

ގަސްތަކުން ފުރާލާފައިވާ އާވީ ނޭޗާސް ރިސޯޓް :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އެރޭ މާބޮޑު ކަމެއް ނެތް ނަމަވެސް، މި ރިސޯޓަށް އަހަރެންގެ ހިތުން ވަރަށް ބޮޑު ޖާގައެއް ވަނީ ދެވިފައެވެ. ކެއުމަށް ވެސް އެތައް ބާވަތްތަކެއް ހުއްޓެވެ. އަހަރެން ކެއީ ޕާސްތާއެވެ.

މެނޭޖަރާއި ކުރި އިންޓަވިއުގައި އެތައް ވާހަކައެއް ދެއްކުމަށްފަހު، އަވަހަށް ނިދަން ދިޔައީ އަނެއް ދުވަހު ފަތިހު ހޭލުމަށެވެ. އިރުއަރާ މަންޒަރު ބަލަން ދިއުމަށެވެ.

އަނެއް ދުވަހުގެ ހެނދުނު 5:40 ހާއިރެވެ. ހޭލައިގެން މިސްރާބު ޖެހީ ރަށުގެ ގޮނޑުދޮށަށެވެ. އިރުއަރާ ހިތްގައިމު މަންޒަރު ބަލާށެވެ. އެ ގޮނޑުދޮށުގައި ހަތަރުދަމު ހޭދަކޮށްލަން ބޭނުންވެއެވެ. ރާޅު ޖެހޭ ހިސާބުގައި މަޑުމަޑުން ހިނގާލާފައި ދިޔައީ ލިބެމުންދިޔަ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ލިބެމުންދާ ސާފު އެ ވައިގެ ތެރޭގައި އުދުހިލާހާ ހިތް އުފާވެރިއެވެ. މާލޭގައި އެހާ ދުވަހު އުޅުމަށްފަހު އެވަރުގެ ތަނަކަށް ދެވުމުން ވާނީވެސް އެހެންތާއެވެ. އެތަނުގައި ވަރަށް ފޮޓޯ ނެގީމެވެ.

ރިސޯޓުގައި އިރު އަރާ މަންޒަރު ބަލަން ގޮސް. ---

އެތަނުގައި ވަގުތުތަކެއް ހޭދަކުރުމަށް ފަހު ރަށު ތެރޭ ބަލާފައި ދިޔައީ އަނެއްކާވެސް ކޮޓަރިއަށެވެ. އޭގެ ދެ ގަޑިއިރެއްހާ ފަހުން ހެނދުނު ސަޔަށް ފަހު އަނެއްކާވެސް ރަށު ތެރޭ ބަލާލަން ނުކުތީމެވެ. ކުޅިވަރު ކުޅޭ ސަރަހައްދާއި ޑައިވް ސެންޓަރު ފެނުނެވެ. މެންދުރު ފުރާތީ ވަރަށް އަވަސް ކުރީމެވެ. އެންމެ ފަހު ތާކަށް ވަނީ ސްޕާއަށެވެ. އެތަނުގެ ރިސެޕްޝަންގައި މަޑުކޮށްލާ ރަނގަޅަށް ބަލާލި އިރު އެ ތަން ހިންގަނީ ރޯޒީއެވެ. އެ ސްޕާގައި ބޭނުން ކުރާ ދިވެހި އުފެއްދުންތަކަކީ އެކި ކަންކަމަށް ފަރުވާއެވެ. ރޯޒީ ވިދާޅުވަނީ އެކި ބަލިތަކަށް ޝިފާ ލިބޭ ތެޔޮ މިތަނުގައި ބޭނުން ކުރާ ވާހަކައެވެ.

އާވީ ނޭޗާސް ރިސޯޓްގައި ހުންނަ ވިންދު ސްޕާ - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އެތަނުގެ ރިސެޕްޝަނުން ނުކުމެން ދިޔައީ ސްޕާގެ މަސާޖް ކުރާ ތަނަށެވެ. އެތަން ހުންނަނީ މޫދުގައެވެ. އެއީ މި ރިސޯޓްގެ މޫދު ކޮޓަރިއެވެ. އެކަމަށް ހާއްސަ ދެ ކޮޓަރި ހުއްޓެވެ. އެއް ކޮޓަރި އެއީ ވަކިން ކުރާ ބޭނުންވާ ނަމަ އެކަމަށެވެ. ދެވަނަ ކޮޓަރީގައި ހުރީ ދެމަފިރިންނަށް ހާއްސަ ކޮށެވެ. އެތަނުގައި ކޮޓަރި ތެރޭގައި ވެސް އަދި ބޭރުގައިވެސް ސްޕާ ހިދުމަތް ދެވޭ ގޮތަށް ހަދާފައި ވެއެވެ.

އާވީ ނޭޗާސް ރިސޯޓްގައި ހުންނަ ވިންދު ސްޕާ - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ބިން ބޮޑު އެ ރިސޯޓްގެ އެކި ތަންތަނުގައި ވަގުތު ހޭދަކުރީމެވެ. އެ ރިސޯޓަކީ ހިތްގައިމު ސާފު މޫދެއް އޮންނަ ރިސޯޓެއް ކަމުން ފުރުން ކައިރިވެފައި ވަނިކޮށްވެސް މޫދަށް ނޭރި ނުދާން ދެ މީހުންވެސް ނިންމީއެވެ. އެ ސާފް ރީތި މޫދަށް އެރުނު ގޮތަށް ފައިބަންވެސް ބޭނުން ނުވިއެވެ. އެކަމަކު ފުރަން ޖެހޭތީ އިތުރު ގޮތެއްވެސް ނެތެވެ.

އާވީ ނޭޗާގެ ގޮނޑުދޮށުގައި ނޫސްވެރިޔާ ރީއާން

މިއީ އަހަރެން ރިސޯޓެއްގައި ހޭދަކުރި އެންމެ އުފާވެރި އެންމެ ހިތްހަމަ ޖެހޭ ތަޖުރިބާއެވެ. މިއީ ހަމަ އުފާވެރި އެތައް ވަގުތުތަކެވެ. ޔަގީނުންވެސް ދިވެހިންނަށް ގެއްލިފައިވާ މި ރިސޯޓަށް އެއްފަހަރު ގޮސްފިނަމަ ދެވަނަ ފަހަރަށް ވެސް ދާނެއެވެ. ތިން ވަނަ ފަހަރަށް ވެސް ނުދާންވީ ސަބަބެއް ނެތެވެ. އުފާވެރި އެތައް ވަގުތެއް އާއިލާ ރައްޓެހިން ނޫނީ ހަޔާތުގެ ބައިވެރިޔާ ގޮވައިގެން މިތަނުގައި ހޭދަކުރެވޭނެއެވެ.

ރިޒަވޭޝަނަށް ގުޅާނެ ނަމްބަރު:7906600

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޏނ

    މޮޅު އެޑްވަޓައިސިންގ އެއް ކިޔަމުން ދިޔައިރު ސިފަ ވަމުން ދިޔަ.....ާ ހިތާމައަކީ ކިތަށްމެ ދާހިތް ވިޔަސް އަހަރެމެން ކަހަލަ ދުވާލަކު އެއްއިރުގައި ކައިގެން ތިބޭ ބަޔަކަށް...ކުޅަދާނަކަމެއް ނޫންކަން...

    32
    • ކޭ

      އެއްއިރު ކައިގެން އެކަމަކު އިންޓަނެޓް ބަރާބަރަށް ލިބޭ.

  2. ކިޔު

    ވ ރީތި.
    މި ރީތި ގޮނޑުދޮށްތަކާއި ފަޅުތަކާއި އަދި މަގުތަކަށްވެސް ފުޅިއާއި ދަޅާއި އެނޫންވެސް ކުނިބުނި ނާޅައި ރީތިކޮށް ސާފުކޮށް ގެންގުޅެމާ ބަހީ! ކުދިންނަށްވެސް މިކަންކަން ކިޔައިދީ، ދަސްކޮށްދެމާ ހިނގާ! މަގޭ ދީބު. މަގޭ ލޯބިވާ ވަޠަން. މަވާނަން ގުރުބާން މި ދީބަސްޓަކައި.

    18
    3
  3. ޢަނީސް1

    މި ރިސޯޓަކީ ދިވެހިވަންތަ ގޯލްޑަން 50 ރަން50 ފާހަގަ ކުރަން ބައެއްގެ ބޮޑު އުންމީދެއް..،

    ނުހައްގުން ދަމައިގަނެއްޖެ..

    މިކަން ބަލާލަދެއްވާ ފާނަންތޯ ސުވާލުން ...