އެމެރިކާގެ އަންހެނެއް ކަމުގައިވާ މެރިސާ ޕިޔާސޭ ވިހަން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އޮވެ ވެސް، މަސައްކަތް ކުރާ ތަނުގެ ބޮޑުމީހާއަށް އެކަން އެންގުމަށް މެސެޖު ކުރިއެވެ.

މެރިސާ ބުނެފައިވާ ގޮތުގައި އެޑްމިޓް ކޮށްފައިވަނީ ވިހާނެ ކަމަށް ބުނި ދުވަހަށް ވުރެ ހަފުތާއެއް ކުރިން ކަމަށެވެ.

ބަނޑުގައި ރިއްސާތީ އެޑްމިޓް ކުރީ ދަންވަރު 2 ޖަހާއިރު ކަމަށް އޭނާ ބުންޏެވެ. އަދި ޑިއުޓީއަށް ދާން ޖެހިފައި އޮތީ އެ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ.

ވިހެއުމުގެ ތަންމަތީގައި އޮވެގެން ހާސްވުންތަކާއި ދުރުވާން ޖެހުނު ކަމުގައި ވީ ނަމަވެސް މެރިސާއަށް ޖެހުނީ މަސައްކަތާއި މެދު ވިސްނާށެވެ.

ވިހެއުމުގެ ގަދަ ވޭނުގައި އޮވެގެން ވެސް ވިހަނީ ކަމަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމަށް ބުނެ ވެރިމީހާއަށް މެސެޖު ކުރިއެވެ.

މެރިސާ ވިހައިފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ. މި ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ވިހެއުމަށް ފަހު ދޭން ޖެހޭ ޗުއްޓީ ވެސް ނުދޭ ކަމަށެވެ.

މެރިސާއަށް އަދި އޭނާގެ ފިރިމީހާއަށް ވެސް ޗުއްޓީ ނުދޭ ކަމަށާއި މެރިސާ ވިހެއިތާ 24 ގަޑިއިރު ނުވަނީސް އޭނާގެ ފިރިމީހާ މަސައްކަތު ނިކުންނަން ޖެހުނު ކަމަށް ވެސް ބުނެފައިވެއެވެ.

އެމެރިކާގައި ވިހެއުމަށް ފަހު ޗުއްޓީ ނުލިބެއެވެ. އެއީ ވަރަށް ދެރަ ކަމެއް ކަމުގައި ބުނެ މީސް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.

އެގޮތުން މެރިސާއަށް ހިތްވަރުދީ އެތައް ބަޔަކު ވަނީ ކޮމެންޓު ކޮށްފައެވެ. މެރިސާގެ މި ވާހަކައާއި އެކު މިފަދަ އެތައް ވާހަކަތަކެއް ވަނީ މީސް މީޑިޔާގައި ހިއްސާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު