އިންޑިއާގައި ކުރާ ކައިވެނި ހަފްލާތަކަކީ ގިނަ އިރުތަކެއް ވަންދެން ދެމިގެންދާ ގޮތަށް ބާއްވާ ޕާޓީތަކެވެ. ކާބޯތަކެއްޗަކީ މިފަދަ ކައިވެނިތަކުގައި ބޮޑު ރޯލެއް އަދާކުރާ އެއްޗަކަށްވާއިރު ގިނަ ފަހަރަށް އާއިލާތަކުން އޯވަރ-ކޭޓަރ ކުރަނީ އެމީހުންގެ ގެސްޓުން ބަނޑުހައި ނުވާގޮތަށް ހެދުމަށެވެ. ވަރަށްގިނަ ކާބޯތަކެތި މިފަދަ ހާލަތްތަކުގައި ބޭކާރުވެގެންދެއެވެ.

ކައިވެނި ޕާޓީން ބާކީވާ ކާބޯތަކެތި ފަގީރުންނަށް ދޭ އަންހެނަކު މިވަނީ އިންޓަނެޓް މެދުވެރިކޮށް ގިނަބައެއްގެ ސަމާލުކަން ހޯދާފައިއެވެ. އެ އަންހެންމީހާ ކައިރިއަށް އެތައް ބަޔަކު އެއްވެފައިވާތަން ފެނެއެވެ.

ކައިވެނި ފޮޓޯގްރާފަރެއް ކަމަށްވާ ނިލަންޖަން މޮންޑަލް ވަނީ ކައިވެނި ފޮޓޯގްރާފަރުންގެ ޕޭޖެއްގައި އެ ވަގުތު ކޮޅުގެ މަންޒަރު ފޭސްބުކްގައި ހިއްސާކޮށްފައެވެ. ޕާޕިއާ ކަރް ނަމަކަށް ކިޔާ އެ އަންހެން މީހާ އޭނާގެ ބޭބެގެ ކައިވެނިން ބާކީވި ކާނާ ފަގީރުންނަށް ކާންދޭ މަންޒަރު ފެނިގެންނެވެ. މިކަން ހިނގާފައިވަނީ ކޮލްކަތާ ސަބާރބަން ރެއިލްވޭ ސްޓޭޝަނެއް ކަމަށްވާ ރަނާގަޓް ޖަންކްޝަންގައި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

އެ ފޮޓޯތަކުން ފެންނަނީ ކަރުދާސް ތަށިތަކަށް ކާތަކެތި އަޅައިދޭ މަންޒަރެވެ. އެމީހާ ކާބޯތަކެތި ބަހަމުންދިޔަ ތަނަށް އެކި އުމުރުފުރާގެ މީހުން ޖަމާވިއެވެ. ފޭސްބުކްގައި ހިއްސާކޮށްފައިވާ އެ ޕޯސްޓަށް 1200 އަށް ވުރެ ގިނަ މީހުން ލައިކް ދީފައިވާ އިރު ގިނަ ބަޔަކު ވަނީ އެ ޕޯސްޓަށް ކޮމެންޓްވެސް ކޮށްފައެވެ. ބައެއް މީހުން ބުނީ އެއީ އާކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ކަރް ވަނީ ކެއުން ތައްޔާރުކޮށް ފަގީރުންނާއި މިސްކީނުންނަށް ކާން ދީފައި ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފައިގެ ފަރުވާއަށް ފައިސާ އެއްކުރުމަށް ބިސްކޯދު ވިއްކަން އުޅުނު އުމުރުން ދިހަ އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ލައިލާ އަށް އިންސްޓަގްރާމް ގައި އެންމެ ހީނުކުރާ ފަދަ ގޮތަކަށް އެހީ ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު