މަނީ ލޯންޑްރިންމައްސަލައެއްގައި ތުހުމަތުގައި ބޮލީވުޑުގެ ބަތަލާ ޖެކުއެލިން ފެނާންޑަޒް ހައްޔަރު ކޮށްފާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތަކުގައި މިހެން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު މުމްބާއީއިން ފުރުމަށް އެއާޕޯޓަށް އޭނާ ދިޔުމުން އެއާޕޯޓުން އޭނާ ހިފަހައްޓަކައި މުމްބާއީއިން ބޭރަށް ނުދެވޭނެ ކަމަށް އެންގުމުންނެވެ.

މަކަރާ ހީލަތުން 200 ކްރޯރް އިންޑިއަން ރުޕީސް ހޯދާފައިވާ ސުކޭޝް ޗަންދުރަޝޭކަރުގެ ފަރާތުން އަގުބޮޑެތި ހަދިޔާތަކެއް ޖެކުއެލިންއަށް ލިބުމާއި ގުޅިގެން މި މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު ޖެކުއެލިންއާއި ސުވާލުކޮށްފައި ވެއެވެ.

ނަމަވެސް ސުކޭޝްއާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި ހަދިޔާއެއް ދިނުމުން އެ ހަދިޔާ ގަބޫލު ކުރީ ކަމަށް ޖެކުއެލިން ކުރިން ބުނެފައެވެ.

ނަމަވެސް ދާދި ފަހުން ޖެކުއެލިންއާއި ސުކޭޝްގެ ގައިގޯޅި ފޮޓޯއެއް ވަނީ މީސް މީޑިޔާގައި އާއްމު ވެފައެވެ.

މި މައްސަލައާއި ގުޅިގެން ވަރަށް އަވަހަށް ޖެކުއެލިން ހައްޔަރު ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނާއިރު. މި މައްސަލައިގެ ސަބަބުން ސަލްމާން ޚާންގެ ''ދަބަންގް ޓުއާ'' ވަނީ އަސަރު ކޮށްފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޖެކުއެލިންގެ ބަދަލުގައި އެހެން ފަންނާނެއް މި ޓުއާގައި ބައިވެރިވުމަށް ސަލްމާން ހަމަޖައްސާނެއެވެ.

މި މައްސަލައާއި ގުޅިގެން ޖެކުއެލިންގެ އެންމެ ގާތް މީހުން އޭނާއާ ވަނީ ދުރުވެފައެވެ. އަދި އެހީތެރިކަމަށް އެދެން ބޭނުންވި ސަލްމާން ޚާންގެ ފަރާތުން ވެސް އެހީތެރިކަމެއް ނުލިބޭނެ ކަމުގެ ވާހަކަތަކެއް ދެކެވެން ވަނީ ފަށައިފައެވެ.

ޖެކުއެލިންގެ ގާތް ރަހުމަތެރިޔަކު ބުނެފައިވާ ގޮތުގައި ޖެކުއެލިންއަކީ ވަރަށް ރަނގަޅު މީހެއް ނަމަވެސް އޭނާއަކީ އަމިއްލަ ފައިދާއަށް ކޮންމެ ކަމެއް ވެސް ކޮށްފާނެ މީހެކެވެ