ނިދާ ގަޑީގައި ފޯނާއި ކުޅުމަކީ މަނާ ކަމެއްކަން އެނގިހުރެ ވެސް ފޯނާއި ކުޅުނު ކުއްޖަކަށް އޭނާގެ މަންމަގެ ފަރާތުން ލިބުނީ ތަފާތު އަދަބެކެވެ.

ސޯފީ މެކް ބްރައިޑްގެ ނަމުގައި އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އޭނާގެ ދަރިފުޅު ނިދާ ގަޑީގައި ފޯނާއި ކުޅުމުން ދިން އަދަބު ވަނީ ހިއްސާ ކޮށްފައެވެ.

ދަރިފުޅު ކުރި ކުށުގެ އަދަބެއްގެ ގޮތުން ދަރިފުޅަށް ޖެހުނީ 500 ޕޮއިންޓް ހޯދާށެވެ. އެގޮތުން 500 ޕޮއިންޓް ހޯދުމަށް ދަރިފުޅަށް ކުރެވިދާނެ ބައެއް ކަންތައްތަކާއި އެކަންތައްތައް ކުރުމުން ލިބޭނެ ޕޮއިންޓްގެ އަދަދު ލިޔެފައިވާ ޕޯސްޓެއް ހިއްސާ ކޮށްފައިވެއެވެ.

ސޯފީގެ މި ލިސްޓުގައި އޭނާ އެންމެ ފުރަތަމަ ލިޔެފައިވަނީ ދަރިފުޅު ފޯނާއި ކުޅެނިކޮށް އެނގިފައިވާ ކަމަށާއި އެކަމުގެ އަދަބެއްގެ ގޮތުން 500 ޕޮއިންޓް ހޯދަން ޖެހޭނެ ކަމަށް ލިޔެފައިވެއެވެ.

ޕޮއިންޓް ދިނުމަށް ނިންމާފައިވަނީ ރޭނގަޑުގެ ކެއުމެއް ތައްޔާރު ކުރުމަށް 50 ޕޮއިންޓެވެ. އާއިލާގެ މެމްބަރަކަށް ރީތިކޮށް ސިޓީއެއް ލިޔުމަށް 10 ޕޮއިންޓެވެ. އެއްޗެހި ދޮވެ ހިއްކާ، ފަށްކުރުމަށް 100 ޕޮއިންޓެވެ. ބަދިގޭގެ ކަބަޑެއް ސާފު ކުރުމަށް 50 ޕޮއިންޓެވެ. ދޮވެފައި ހުރި ތަށިތައް ތަންތަނަށް ލުމަށް 25 ޕޮއިންޓެވެ.

މީގެއިތުރުން ތަށިތައް ދޮވުމަށް ވެސް 25 ޕޮއިންޓެވެ. މޭޒުމަތި ސާފުކުރުމަށް 25 ޕޮއިންޓެވެ. މައިކްރޯވޭވް ސާފުކުރުމަށް 40 ޕޮއިންޓެވެ. ސިޓިންރޫމު ސާފުކޮށް ވެކިއުމް ކުރުމަށް 30 ޕޮއިންޓެވެ. ބަދިގެ ކުނިކަހާ މޮޕް ލުމަށް 30 ޕޮއިންޓެވެ. ކުޑަދޮރުތައް ސާފު ކުރުމަށް 10 ޕޮއިންޓެވެ. ގަސްތަކަށް ފެންދިނުމަށް 10 ޕޮއިންޓެވެ. ސިޓިން ރޫމް ފޮޅުމަށް 25 ޕޮއިންޓެވެ.

ފާހާނާ ސާފުކުރުމަށް 50 ޕޮއިންޓު ދީފައިވާއިރު ކުނިކޮތަޅު ބޭރަށްލުމަށް 10 ޕޮއިންޓް ދީފައިވެއެވެ.

ސޯފީގެ ދަރިފުޅަށް މި ދިން އަދަބު ގިނަ ބަޔަކަށް ކަމުދިޔައެވެ. އަދި މި ޕޯސްޓު ދަނީ މީޑިޔާގައި ހަލުވި ކަމާއިއެކު ދައުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަރައް ރަނގަޅު އަދަބެއް ތިއީ. އެއީ ކުއްޖާ ގޭގެ ތެރޭގެ ކަންކަމައް އަހްލުވެރި ކުރުވުމައް ލިބޭ ވަރައް ބޮޑު އެހީ އަކައް ވެގެން ދާނެ.

    11
  2. ދެކޮޅު.

    ކޮބާ ހެކި. ޕޯސްޓް އެޓޭޗް ކުރުން މުހިންމު..