އިނގިރޭސިވިލާތުގެ އިލެކްޓްރޯނިކް ކުންފުންޏަކުން ހަލާކުވެފައިވާ މެޝިންތަކެއް ބޭނުންކޮށްގެން 44 ފޫޓުގެ ޕިރަމިޑެއް ހަދައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ހަލާކުވެފައިވާ ދޮންނަ މެޝިން ބޭނުން ކޮށްގެން ހަދާފައިވާ އެންމެ އުސް ޕިރަމިޑްގެ ރެކޯޑު ގާއިމްކޮށް މި ކުންފުނިން ވަނީ ގިނަސް ވަރލްޑް ރެކޯޑް ހޯދާފައެވެ.

މި ކުންފުނިން ބުނެފައިވާ ގޮތުގައި އެމީހުން މި މަސައްކަތް ކޮށްފައިވަނީ އިލެކްޓްރޯނިކް އާލާތްތަކާއި އެ ތަކެތި އަލުން ބޭނުން ކުރުމާއި ބެހޭގޮތުން މީހުން ހޭލުންތެރި ކުރުވުމަށެވެ.

މި ޕިރަމިޑް ހެދުމުގެ ކުރިން މި ކުންފުނިން ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި އިލެކްޓްރޯނިކް އާލާތްތައް ހަލާކުވުމުން އެއަށް ހަދާނެ ގޮތެއް ނޭނގިގެން އެ ގައުމުގެ 68 އިންސައްތަ މީހުން އުޅޭ ކަމަށެވެ.

މި ދިރާސާއަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ ''ނެޝަނަލް ރީސައިކްލިން ވީކް'' ގައި އެ ކުންފުނިން ވަނީ ހަލާކުވެފައިވާ ދޮންނަ މެޝިން ބޭނުން ކޮށްގެން ތައްޔާރު ކުރި އެންމެ އުސް ޕިރަމިޑް ތައްޔާރުކޮށްފައެވެ.

ކަރީސް ނަމަކަށް ކިޔާ މި ކުންފުނީގެ އަމާޒު ކަމުގައިވާ ހަލާކުވެފައިވާ ނުވަތަ ބައު އިލެކްޓްރޯނިކް އާލާތައް އަލުން ބޭނުން ކުރުން ކަމުގައިވާއިރު، ގިނަސް ވަރލްޑް ރިކޯޑުން ވަނީ އެކަމަށް ތަޢުރީފު ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރިޕޯޓްތަކުގައިވާ ގޮތުން އެ ގައުމުން އަހަރަކު 1.45 މިލިއަން އިލެކްޓްރޯނިކް އާލާތްތައް އުކާލެވެއެވެ.

ކަރީސްއިން ތައްޔާރު ކޮށްފައިވާ މި ޕިރަމިޑް ހެދުމަށް ބޭނުން ކޮށްފައިވަނީ 1496 ދޮންނަ މެޝިނެވެ. މި ޕިރަމިޑް ހެދުމުގެ ހިޔާލުދީފައިވަނީ އެ ކުންފުނީގެ ސްޓޯރް މެނޭޖަރ ޑަރެން ކެންވާތީއެވެ.