މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ހެނދުނު އިންޑިއާގެ ދިއްލީގެ އުތުރުން އޮންނަ ބުރާރީ ސަރަހައްދުގެ ގެއެއްގެ ތެރޭގައި ދަންޖެހިގެން މަރުވި އާއިލާގެ ތެރޭގައި ހިމެނޭ އެކަކު އަމިއްލައަށް ސަލާމަތްވުމަަށް މަސައްކަތްކޮށްފައިވާކަން ހާމަވާކަމަށް ފުލުހުން ބުނެފިއެވެ.

އެ މަރުގެ ތަހުގީގުތައް އަދިވެސް ދަނީ ކުރަމުންނެވެ. ފުލުހުން މިހާތަނަށް 130 މީހުންނާއި ވަނީ ސުވާލުކޮށްފައެވެ. އޭގެ ތެރޭގައި އާއިލާ މީހުންނާއި، ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި، އަދި އަވައްޓެރިންވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ދަންޖެހިފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ 50 އަހަރުގެ ބަވްނެޝް ބާތިއާ އަމިއްލައަށް ސަލާމަތްވުމަށް މަސައްކަތް ކުރި ކަމަށެވެ.

"ފޮރެންސިކް އެކްސްޕާޓް އިން ބުނެފައިވާގޮތުގައި، ބަވްނެޝް ވަނީ އަމިއްލައަށް ސަލާމަތްވުމަށް މަސައްކަތް ކޮށްފައި. އެގޮތުން އޭނާގެ ކަރުގެ އައްސާފައިވާ އެތި މޮހެލުމަށް މަސައްކަތް ކުރިހެން ހީވޭ. އޭނާގެ އަތުގައި އައްސާފައިވާ ވާގަނޑުވެސް ހުރީ ވަރަށް ދޫކޮށް، އެހެންކަމުން މާހިރުން ގަބޫލުކުރާގޮތުގައި، އޭނާ ވަނީ އަމިއްލައަށް ސަލާމަތްވުމަށް މަސައްކަތްކޮށްފައި". ފުލުހުން ބުންޏެވެ.

ފުލުހުން މިހާތަނަށް ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އެ އެންމެން މަރުވީ ހެދި ފަންޑިތައެއް ނުބައިކޮށް ގޮސްގެންކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ދަންޖެހިގެން މަރުވެފައި ތިބި އެންމެންގެ އަނގަމަތި ވަނީ ސާޖިކަލް ޓޭޕް ބޭނުންކޮށްގެން ބަންދުކޮށްފައެވެ. އަދި އެންމެން ލައިގެން ތިބީ ހުދު ކުލައިގެ ހެދުންތަކެވެ. އަދި އެންމެންގެ އަތްވެސް ވަނީ ބަދެފައެވެ.

ފުލުހުން އަދިވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މަރުވި އެ އާއިލާގެ ބައެއް މެންބަރުން ތުހުމަތު ކުރާގޮތުގައި އެ އާއިލާގެ މަރުގެ ފަހަތުގައި ބައެއްގެ އަތެއް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު