މިއީ މި ހާދިސާ ކުރިމަތިވެފައިވާ ފަރާތުން "ވަގުތު" އާއި ހިއްސާ ކޮށްފައިވާ މައުލޫމާތުގެ މަށްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގެ އަސްލު ނުގެއްލޭނެ ގޮތަށް އުނި އިތުރުތައް ގެނެސްފައިވާނެއެވެ. އަދި މަސްލަހަތަށްޓަކައި ވާހަކައިގައި ހާދިސާ އާއި ގުޅޭ ފަރާތެއްގެ އަސްލު މަޢުލޫމާތެއް ހިމަނާފައި ނުވާނެއެވެ.

އަހަރެން އުޅެބޮޑުވީ ވެރިރަށް މާލޭގައެވެ. ސްކޫލު ދައުރު ނިމުމުން އަހަރެންވެސް އަހަރެންގެ އެހެން އެކުވެރިން ފަދައިން މަޖާކޮށް ސަކަރާތް ޖެހުމުގައި ވަގުތުތަށް ހޭދަކުރަމުން އައީމެވެ. އެގޮތަށް ގޮސް އުޅޭއިރު އަހަރެމެންނާއި ބައެއް މީހުން ދިމާކޮށް ފޮށި އުޅެއެވެ. ނަމަވެސް އަހަރެން އެ ފަދަ މީހުންނަކަށް އެއްވެސް ޝައުގުވެރިމެއް އަދި އަޅާލުމެއް ނުބަހަށްޓަމެވެ.

އަހަރެންގެ ރަށްޓެހިން "ބިޓުން" ނަގައިގެން އުޅޭއިރު އަހަރެން "ބިޓެއް" ނުނަނގާ ހުންނާތީ އެމީހުން އަބަދުވެސް ޝަކުވާކުރާނެއެވެ. ނަމަވެސް އަހަރެން އެކަމާއި ދެރައެއް ނުވެއެވެ. އެއީ އަހަންނަކީ ފިރިހެނުންނާއި އެކުގައި އެފަދަ ގުޅުމެއްގައި އުޅެން މާ ޝައުގުވެރިކަން ހުންނަ މީހަކަށް އޭރު ނުވުމުންނެވެ. އަދި ޒުވާން އުމުރު މިނިވަންކަން މަތީ އަމިއްލަ އިޚްތިޔާރުގައި ބޭނުންވާގޮތަކަށް އުޅުމަށްވެސް އަހަރެން އެދޭތީއެވެ.

ރަށްޓެހިންނާއި އެކު ގްރޫޕް ހަދާލާފައި ވަރަށް ގިނައިން އަހަރެމެން ޝީޝާ ބޯން މާލޭގެ ކެފޭތަކަށް ދަމެވެ. އަދި ބައެއް ފަހަރު ދަންނަ ފިރިހެން ގްރޫޕްތަކާއި އެކުވެސް ޝީޝާ ބޯން ރެސްޓީރެންޓުތަކަށް ގޮސް އުޅުނީމެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި ދިރިއުޅުމަކީ އެއީ އެވެ. މަޖަލާއި އަރާމު ކުރުމެވެ. އަދި ރަށްޓެހިންނާއި އެކު ގިނަ ވަގުތު ހޭދަކުރުން ނޫންކަމެއް ދިރިއުޅުމުގައި އޭރު އޮތްކަމަކަށް އަހަރެންގެ ބުއްދިއެއް ޤަބޫލެއް ނުކުރެއެވެ.

ބައެއް ދުވަސް ދުވަހު ޝީޝާތަށް ނިންމާލުމަށް ފަހު "ރައިޑު"ތަކަށް ދާއިރު އަހަރެންވެސް އެމީހުންނާއި އެކުގައި ދަމެވެ. ކޮންމެވެސް ފިރިހެނެއް ފަހަތަށް އަރައިގެން "ރައިޑު"ތަކަށް ދާއިރު މަންޒަރު ބަލާ މީހަކަށް އެއީ އަހަރެން ލޯބީގެގޮތުން ގުޅިގެން އުޅޭ މީހާއޭ ހީވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އަހަރެން އެގޮތަށް ދަނީ ދަނީ އަހަރެންގެ އެކުވެރި އަންހެން ކުދިންގެ ފަރާތުން ދިމާވާ ފިރިހެން ކުދިންނާއި އެކުގައެވެ.

ގިނަ ރޭރޭ ވަރަށް ދަން ވަންދެންވެސް އެ ސަކަރާތުގައި އުޅެމެވެ. އަހަރެން ގެއަށް ނައިސްގެން މައިންބަފައިން ދުވަހަކުވެސް ކަންބޮޑެއް ނުވެއެވެ. ފަހަރުގައި އެއީ އެމީހުން އަހަންނަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުން ކަމުގައިވެސް ވެދާނެއެވެ.

އަހަރެންގެ ބައެއް ރަށްޓެހިންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ރަށްޓެހިންނެވެ. ބައެއް ފަހަރު އަހަރެން ކައިރީގައި ހުރެގެން އެމީހުން މަސްތުވާއިރު އަހަންނަށްވެސް އެކަމުގައި ބައިވެރިވުމަށް ދައުވަތުދެއެވެ. އަދި ރަށްޓެހިންގެ ދައުވަތު ގަބޫލުކޮށް އަހަރެންވެސް ބައެއް ރޭރޭ މަސްތީހާލުގައި އުޅެމެވެ. މަސްތުވެގެން ކުރެވޭ ނުކުރެވޭއެއް ނޭނގޭ ހާލު އަހަރެމެން އުޅޭއިރު ބައެއް ފިރިހެނުން އަހަރެމެންނާއި ގައިގޯޅިވެ ހަދާނެއެވެ. އަދި އަހަރެމެންގެ ކިބައިން އުފާ ހާސިލް ކުރާން އެދެމުންދެއެވެ. ނުވެސް ދަންނަ ބަޔަކާއި ގައިގޯޅިވެ އުޅޭއިރު އަހަރެމެން މާބޮޑު ފަރުވާލެއް ނުދެމެވެ. އެއީ އެކަމުން އަހަރެމެންނަށްވެސް ހިތްހަމަ ޖެހުން ލިބޭތީއެވެ. އެހެންކަމުން މަސްތީ ހާލުގައި އުޅޭ ގިނަ ރޭރޭ އަހަރެންގެ ގައިން އެތަށް މާބޫރެއް ފޮނިބޯނެއެވެ.

މިގޮތުގައި އަހަރެންގެ ދުވަސްތަށް ކަނޑައްތު ކުރަމުން ދިޔައީމެއެވެ. އުފަލާއި މަޖަލުގައެވެ. މަސްތީ ހާލުގައެވެ. އަހަރެންގެ ވިޔާނުދާ އުޅުން ބަދަލުވީ އެއްދުވަހަކު ކޮފީއަކުން އަހަންނާއި ދިމާވި އެކުވެރިއެއްގެ ސަބަބުންނެވެ.

ޝަރީފަކީ (އަސްލު ނަމެއް ނޫން) އެހެން ޒުވާނުން ފަދައިން މަޖާކުރަން ބޭނުންވާ ޒުވާނެއް ނޫނެވެ. އަދި އަންހެނުންނާއި ގައިގޯޅިވާން ބޭނުންވާ ފިރިހެނެއްވެސް ނޫނެވެ. އަހަރެން އޭނާއާއި ކައިރިވާން މަސައްކަތް ކުރިޔަސް އޭނާ އަހަރެން ދުރުކުރެއެވެ. އެހެން ނަމަވެސް ރުޅިއައިސްގެންނެއް ނޫނެވެ. އޭނާއަކީ ވަރަށް އަވަހަށް "ރަކިވާ" ލަދުރަކި މީހެކެވެ. މިފަދަ އެތަކެއް ސަބަބުތަކަކާއި ހުރެ އަހަރެންގެ ހިތުގައި ޝަރީފްއަށް ޝައުގުވެރިކަން އުފެދުނެވެ.

ޝަރީފްއާއި ބައްދަލުވެ، ދިމާކޮށް ވާހަކަ ދައްކާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވީއިރުވެސް އަހަރެންގެ އުޅުން ބަދަލު ކުރަން އޭނާ އަހަރެންގެ ކިބައިން ނޭދެއެވެ. އަދި އަހަރެން ކުރާ ކަންކަމަށް ފާޑެއްވެސް ނުކިޔައެވެ. އަހަރެން ހިތުގެ އަޑިން އެކަމަށް އެދިއެދި ހުރިނަމަވެސް މެއެވެ.

އެ ހުރިހައި ކަމެއް ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. އަހަންނާއި ޝަރީފް ދިމާވިތާ ތިން މަސް ފުރުނު ދުވަހު ޝަރީފްގެ ކިބައިން އަހަންނަށް ފެނުނީ އަހަރެން އުންމީދުވެސް ނުކުރާ ފަދަ ކަމެކެވެ.

ކުޑަވަރެއްގެ ޕާޓީއަކާއި އެކު އަހަރެންގެ ރަށްޓެހިންގެ ކުރިމަތީގައި ޝަރީފް އަހަންނަށް ލޯބި ހުށައެޅިއެވެ. އަހަންނަކީ މީގެ ކުރިން ލޯބީގެ ގޮތުން މީހަކާއި ގުޅިފައިނުވާ މީހެއްކަމުން ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެންކަމުން އަހަންނަށް ބަލާލެވުނީ ކައިރީގައިވާ ރަށްޓެހިންގެ މޫނަށެވެ. އެ ރަށްޓެހިން އަހަންނަށް އާއެކޭ ބުނުމަށް ބާރު އެޅުމުގެ ގޮތުން ވައިއަޑުން "ޔެސް" އޭ ބުނުމަށް ގޮވަމުން ދިޔައެވެ. އެހެންކަމުން ލޯ މަރާލައިގެން ހުރެ އަހަރެން ޝަރީފް އެއްލި ލޯބީގެ ހުށައެޅުމަށް އާނބަސް ދިނީމެވެ.

އޭގެފަހުން އަހަރެންގެ ހަޔާތް ވަރަށް ބޮޑަށް ބަދަލުވިއެވެ. ޝަރީފްގެ ހުރިހާ ވަގުތެއް އަހަންނަށް ދިނެވެ. އަދި އަހަރެން ހިތް އުފާވާނެ ހުރިހާ ކަމެއް ޝަރީފް ކޮށްދިނެވެ. އަދި ކައިވެނީގެ އިމުން ބޭރުގައި ކުރުން ހަރާމް އެއްވެސް ކަމެއް ކުރުމަށް ޝަރީފް އަހަންނަކަށް ބާރެއް ނާޅައެވެ. ޝަރީފްގެ ހިތްހެޔޮކަމުގެ ސަބަބުން އޭނާގެ އިޝްޤުގައި އަހަރެން ހަމަ ރަނގަޅަށްވެސް ޖެހުނެވެ. އަދި ޝަރީފްގެ އެދުމުގެ މަތިން އަހަރެން އުޅުނު ވިޔާނުދާ އުޅުމާއި އަހަރެން އެއްފަރާތް ވީމެވެ. އަދި ޝަރީފް ބޭނުންވާ ފަދަ މީހަކަށް ވުމަށް އަޒުމް ކަނޑައަޅައި އަހަރެން މަސައްކަތް ކުރީމެވެ. ކުރެވުނު ކުށްތަކަށް ތައުބާވީމެވެ. އަދި ކުރިން ލަމުންދިޔަ ހެދުންތަށް ދޫކޮށް ދިގު ހެދުންލާން ފެށީމެވެ. އަދި ނަމާދުކޮށް ހެޔޮ ޢަމަލުކުރުން މަތީ އުޅެން ފެށީމެވެ.

އަހަރެންގެ އުޅުމަށް ބަދަލު އައިތާ އެއް އަހަރު ފަހުން ޝަރީފް އަހަންނާއި ކައިވެނި ކުރިއެވެ. ކައިވެންޏަށް ފަހު މިއަދާ ޖެހެންދެންވެސް އަހަރެމެން މިއުޅެނީ އުފަލުގައި ހިތްހަމަ ޖެހިގެންނެވެ. ދުނިޔޭގެ އުފަލާއި މަޖަލުގައި ވަގުތުތަށް ބޭކާރު ކުރި ދުވަސްތައް މާޒީވެއްޖެއެވެ. މިހާރު އަހަރެން ގުނަމުން މިދަނީ ހަޤީގީ ހިތްހަމަ ޖެހުމާއި އުފަލުގެ ދުވަސްތަކެވެ. ލޯބިވާ ފިރިއަކާއި ލޯބި ލޯބި ދަރިއަކާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރެހި

    ތިހެން މަވެސް މިއުޅެނީ

    3
    2
  2. ހުވަދު

    "ހެޔޮ މަގުން ކައްސާލި ދިވެހި އަންހެނަކަށް ލިބުނު ނަސީބު" މީ މި ޚަބަރުގެ ހެޑިން. ހެޔޮމަގުން ކައްސާލުމުން ލިބޭ ނަސީބުގެ ވާހަކަ. ހެޔޮވާނީ ކިހިނެއް.

    20
    4
  3. ޙޫނ

    ޙާން މަވެސް މިކިޔޔަނީ ހަމަ ތިހެން. މީ ވަރަށް ނުރައްކާތެރި ގޮވާލުމމަކަށް ހިތްވަރުދޭ ގޮތަކަށް އިން ހެޑިންނެއް. ހެޑިން ރްނގަޅުކޮށްލާ. "ހެޔޮމަގުން ކައްސާލި އަންހެނަކު ހެޔޮމަގަށް ރުޖޫޢަވުމުން ލިބުނު ނަސީބު" މިިހެން.

    17
    2
  4. ޗަކޮޔާ

    ސުރުޙީ ކަމަކު ނުދޭ (ފާހިޝް)އަމަލުތަކުގަ އުޅޭ މީހުންނަ ނަސީބް ކަމަކުނުދޭ

    5
    2
  5. ނާހް

    ކިތަންމެ ނުބައި މީހަކަށްވެސް ﷲ ތެދުމަގު ދައްކަވާފާނެ. އެއީ ދެން ނަސީބު ނޫން ކޯއްޗެއް. އެ އންހެން މީހާއަށް ނަސީބު މެދުވެރިވީ ވިޔާނުދާ ޢަމަލުތަކުގެ މަތީގައި ވަނިކޮށްކަން ލިޔުމުން އެބަ އެނގޭ. އެއީކީ ކޮންމެހެން ވިޔާނުދާ ޢަމަލުކުރުމުން އޭގެ ބަދަލުގައި ލިބުނު ނަސީބެކޭ އެއަކު ބުނެފައެއް ނެތް.

    4
    1
    • ގަނޑިޔާ!!!

      އެެއީ ﷲ ގެ ފަޟްލުވަނަތަކަން ނޫން ކޯންޗެއް... ނަސީބަކީ މިކަން އޮޅުވާލަން ބޭނުންކުރާ ރީތިބަހެއް