މީޑިޔާތަކުގެ ފަލަ ސުރުޚީތަކުން އަބަދު ޖާގަ ނުހޯދިކަމުގައިވިޔަސް، ޖޯން ސީނާއަކީ ގިނަ ދިވެހިން ނުދަންނަ މީހަކަށް ނުވާނެއެވެ. ރެކްރިއޭޝަނަލް ރެސްލިންގ ޝޯވ، "ޑަބްލިޔު ޑަބްލިޔު އީ" އިން އެތައް ބައެއްގެ ސަމާލުކަން ހޯދި ސީނާގެ މަޤުބޫލުކަން އެންމެ ބޮޑަށް ހާމަވަނީ، އޭނާއަށް ނިސްބަތްކޮށް، މީސްމީޑިޔާގައި ދައުރުކުރާ ޕޯސްޓުތަކެވެ. އާނ އެކެވެ. "ޔޫ ކާންޓް ސީ މީ" އެވެ.

އެހެންނަމަވެސް، ދައްކަން މިއުޅޭ ވާހަކައަކީ މިއީއެއް ނޫނެވެ.

ޖޯން ސީނާއަކީ ބޮލީވުޑުގެ މަޝްހޫރު އަދި އެފަދަ ދެވަނައެއް ނުވާ ޝާހް ރުކް ޚާންގެ ބޮޑު ފޭނެއްކަމަށް، އިންޑިޔާގެ ނޫސްތަކުންވަނީ ބުނެފައެވެ. އެފަރާތްތަކުން، މި ވާހަކަ ނިކަން ބޮޑުކޮށްލައިގެން ދައްކާފައިވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި، ޖޯން ސީނާގެ ރަސްމީ އިންސްޓަގްރަމް އެކައުންޓުގައި ދާދިފަހުންވަނީ ޝާހުގެ ފޮޓޯއެއް ޕޯސްޓުކޮށްފައެވެ. އަދި، މި ފޮޓޯ ޕޯސްޓުކޮށްފައިވަނީ ވެސް ވަރުގަދަ ކެޕްޝަނަކާ އެކުގައެވެ.

އެނޫސްތަކުން އިތުރަށް ބުނާ ގޮތުގައި، ޖޯން ސީނާވަނީ މީގެކުރިންވެސް ޝާހުގެ ފޮޓޯތައް، އޭނާގެ ރަސްމީ އިންސްޓަގްރަމް އެކައުންޓުތަކުގައިވެސް ޕޯސްޓުކޮށްފައެވެ.

އިންސާނުންގެ އިތުރުން، ބައެއް ރޮބޮޓަކީވެސް ޝާހުގެ ފޭނުންނެވެ. އެގޮތުން، "ހިއުމަނޮއިޑް" ރޮބޮޓް، ސޯފީ ފާހަގަކޮށްލެވެއެވެ.