އިނގިރޭސިވިލާތުގެ ދެމަފިރިއަކަށް 7.3 ކިލޯ ހުރި އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ މިހާތަނަށް އިނގިރޭސިވިލާތުގައި އުފަންވި އެންމެ ބަރު އެއްމާބަނޑު ދެކުދިންނެވެ.

އާންމު ގޮތެއްގައި އެއްމާބަނޑު ދެކުދިންގެ ބަރުދަނުގައި ހުންނަނީ 5.3 ކިލޯ އެވެ. ނަމަވެސް މިދެކުދިން ވަނީ އާންމުކޮށް އެއްމާބަނޑު ކުދިންގެ ބަރުދަން ހުންނަ ވަރަށް ވުރެ މާބޮޑަށް ބަރުވެފައެވެ. އަދި މީގެ ކުރިން އިނގިރޭސިވިލާތުގައި އުފަންވި ރެކޯޑް މިންވަރަކަށް ބަރު އެއްމާބަނޑު ދެކުދިންނަށް ވުރެ މިދެކުދިންގެ ބަރުދަން 0.3 ކިލޯ ބަރެވެ.

ބަރު އެއްމާބަނޑު ދެކުދިން ލިބިފައި ވަނީ އުމުރުން 26 އަހަރުގެ ރޯސީ އިވާންސް އަށެވެ.

ބަރުދެކުދިންގެ ތެރެއިން ފުރަތަމަ އުފަންވި އެންތަނީގެ ބަރުދަނުގައި 3.23 ކިލޯ ހުއްޓެވެ. އެންތަނީ އަށް ވުރެ 11 މިނެޓް ފަހުން އުފަންވި ޖޯނީގެ ބަރުދަނުގައި 4.14 ކިލޯ ހުއްޓެވެ.

ދެކުދިން އުފަންވެފައި ވަނީ ލަންޑަންގެ ހިލްޓަން ހޮސްޕިޓަލްގައެވެ. ދެކުދިން ވެސް އުފަންވެފައި ވަނީ މައިމީހާ ސިޒޭރިއަން ހަދައިގެންނެވެ. މައިމީހާ އާއި ދެކުދިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ދެކުދިންގެ ބައްޕަ މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ދުނިޔެ އަށް އުފަންވި އެންމެ ބަރު ދެކުދިން އުފަންވެފައި ވަނީ 1924 ވަނަ އަހަރު އެމެރިކާ އަކަންސަސް އަށެވެ. އެދެކުދިންގެ ބަރުދަނުގައި 12.6 ކިލޯ ހުއްޓެވެ. އޭގެތެރެއިން ދޮށީ ކުއްޖާގެ ބަރުދަނުގައި 6.35 ކިލޯ އަދި ހަގު ކުއްޖާގެ ބަރުދަނުގައި 6.2 ކިލޯ ހުއްޓެވެ.