އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ގުރޭޑް 6 ގެ ޓެސްޓު ޕޭޕަރެއްގައި އާއްމު މައުލޫމާތުގެ ބައިން އައިސްފައިވާ ސުވާލަކަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މި ސުވާލު ކަރުދާހުގައި ވަނީ ބޮލީވުޑުގެ ދެމަފިރިން ކަމުގައިވާ ކަރީނާ ކަޕޫރު ޚާނާއި ސައިފު ޢަލީ ޚާނުގެ ދަރިފުޅުގެ ފުރިހަމަ ނަމަކީ ކޮބައިތޯ ސުވާލު ކޮށްފައިވެއެވެ.

މި ސުވާލު ކޮށްފައިވާ ބައިގައި އިތުރަށް ކޮށްފައިވާ ސުވާލުތަކަކީ އިންޑިޔާގެ ޗެސްގެ ގްރޭންޑް މާސްޓާއަކީ ކާކުތޯ އާއި 2019 ގައި އައިޕީއެލްއިން މޮޅުވީ ކޮން ޓީމެއްތޯ ވެސް ސުވާލު ކޮށްފައިވެއެވެ.

ސުވާލު ކަރުދާހުގައި ކަރީނާއާއި ސައިފުގެ ދަރިފުޅުގެ ނަން ލިޔަން އޮތުމުން، މަދްޔަ ޕްރަދޭޝްގެ އެޑިޔުކޭޝަން އޮފީހުން ވަނީ ސުވާލު އުފައްދާފައެވެ.

ޕޭޕަރުގައި މި ސުވާލު ފޮޓޯ ނަގައި މީސް މީޑިޔާގައި އެ ވާހަކަ ގިނަބަޔަކު ދަނީ ދައްކަމުންނެވެ/

މި ސުކޫލުގެ ޕޭރަންޓް ޓީޗަރ އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މައްސަލަ ބަލައިދިނުމަށް އެދިފައެވެ.

ކަރީނާއާއި ސައިފު ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ކައިވެންޏަށް ވަނީ ދެ ފިރިހެން ކުދިން ވެސް ލިބިފައެވެ. އެއީ ތައިމޫރު ޢަލީ ޚާނާއި ޖެހް ޢަލީ ޚާނެވެ.

މީގެއިތުރުން ވެސް ސައިފުގެ ފުރަތަމަ ކައިވެނިން ވެސް ވަނީ ދެ ކުދިން ލިބިފައެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ ބަތަލާ ސާރާ ޢަލީ ޚާނާއި އިބުރާހިމް ޢަލީ ޚާނެވެ.

ސައިފުއާއި ކަރީނާގެ ދޮށީ ދަރިފުޅު ތައިމޫރަކީ މީޑިޔާތަކުގެ ލޯތައް އަމާޒު ވެފައިވާ ކުއްޖެކެވެ.