މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ނެޓްފްލިކްސް އިން ދައްކާފައިވާ ދެކުނު ކޮރެޔާގެ ޑުރާމާ ސްކުއިޑް ގޭމުގެ ކާމިޔާބާއި އެކު ދެވަނަ އަދި ތިންވަނަ ބައެއް ނެރޭނެ ކަމަށް ޑައިރެކްޓަރ ބުނެފިއެވެ.

ސްކުއިޑް ގޭމުގެ ކާމިޔާބާއި އެކު ބެލުންތެރިންގެ އެދުމުގެ މަތިން މި ސީރީޒްގެ ދެވަނަ ބައެއް ނެރޭނެ ކަމަށް ޑައިރެކްޓަރ ހުވަންގް ޑޮންގް ހުއަކް ވަނީ ބުނެފައެވެ. މި ސީރީޒްގެ ދެވަނަ ބައިގެ މަސައްކަތް ނުފެށި އުޅެނިކޮށް ތިންވަނަ ބައެއް ވެސް ނެރޭނެ ކަމަށް ޑައިރެކްޓަރ މި ވަނީ ބުނެފިއެވެ.

''މި ސީރީޒްގެ ދެވަނަ އަދި ތިންވަނަ ބަޔާއި ބެހޭގޮތުން ނެޓްފްލިކްސްއާއި އެކު ދަނީ ވާހަކަ ދެކެވެމުން. ވަރަށް އަވަހަށް މި މަޝްވަރާތައް ނިމުމަކަށް އަންނާނެ. އަހަރެންނަށް އެނގޭ އެންމެން ވެސް ތިބީ މި ސީރީޒްގެ އިތުރު ބައެއްގެ އިންތިޒާރުގައިކަން. އެހެންވެ އެންމެން ވެސް ވަރަށް ބުރަކޮށް އެކަމަށް މަސައްކަތް ކުރަމުން މިދަނީ'' ޑައިރެކްޓަރ ބުނެފައިވެއެވެ.

މި ސީރީޒްގެ ތިންވަނަ ބައެއް ނެރެނީ ތޯ ޑައިރެކްޓަރާއި ސުވާލު ކުރުމުން ޑައިރެކްޓަރ ބުނެފައިވަނީ އެ ވާހަކަތައް ދެކެވެމުންދާ ކަމަށާއި ސީދާ ޖަވާބެއް ދެވޭނީ ނެޓްފްލިކްސްއާއި އެކު މަޝްވަރާތައް ނިމުމުން ކަމަށެވެ.

ޑައިރެކްޓަރ ހުވަންގް ބުނެފައިވާގޮތުގައި، ސުްކުއިޑް ގޭމުގެ ދެވަނަ ސީޒަންގައި ފެނިގެން ދާނީ ގިހޫންއާއި ދިމާވާ މީހުންނާއި އޭނާ އެމީހުންނާއި މެދު ކަންތައްތައް ކުރާ ގޮތެވެ.

ސްކުއިޑް ގޭމަކީ ނެޓްފްލިކްސްއިން އެންމެ ގިނަ ބަޔަކު ބަލާފައިވާ ސީރީޒްއެވެ. މި ސީރީޒްއަށް އަދި މި ސީރީޒްގެ ބައެއް އެކްޓަރުން ވަނީ ގިނަ އެވާޑުތަކެއް ވެސް ލިބިފައެވެ.