ދިވެހިން ހިމެނޭހެން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެތައް ބަޔަކު ބަލަމުންދާ ދެކުނު ކޮރެޔާގެ ޑުރާމާ ތަކުގެ ލިސްޓަކީ ވަރަށް ވެސް ދިގު ލިސްޓެކެވެ.

މި ލިސްޓަށް އަންނަ އަހަރުގެ ޖެނުއަރީ މަހު އިތުރު ވެގެންދާ ޑުރާމާ ތަކަކީ:

ގޯސްޓް ޑޮކްޓަރ

ފެންސީ މެޑިކަލް ކަންތައްތަކެއް ދައްކުވައިދޭ މި ޑުރާމާއިން ފެނިގެންދާނީ ރެއިންއާއި ޔޫއީއާއި ކިމް ބަމްއާއި ސަން ނާ އުންއެވެ. މި ޑުރާމާ ރިލީޒު ކުރާނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ޓީވީއެން ޗެނަލްއިންނެވެ.

ޓްރެސަރ

ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން ފޮރުވައިގެން އުޅޭ ފައިސާތައް ހޯދުމުގެ މަސައްކަތް ދައްކުވައިދޭ މި ޑުރާމާ ދެއްކުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހު އެމްބީސީއާއި ވޭވް އިންނެވެ.

އިންޓާނަލް މެޑިސިން ޑައިރެކްޓަރ ޕާކް

މަޖާ އަދި ހިތާމަވެރި ކަންތައްތަކެއް ދައްކުވައިދޭ މި ޑުރާމާ ދައްކަން ފަށާނީ ޖެނުއަރީ މަހު 14 ވަނަ ދުވަހުއެވެ.

ތުރޫ ދަ ޑާކްނަސް

ދެކުނު ކޮރެޔާގެ ފުރަތަމަ ސީރިއަލް ކިލާގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ މި ޑުރާމާ ދައްކަން ފަށާނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެސްބީއެސް ޗެނަލްއިންނެވެ.

އޯލް އޮފް އަސް އަރ ޑެޑް

ހައި ސުކޫލު ދަރިވަރުންތަކެއް ސުކޫލު ތެރޭގައި ތާށިވެ، ޒޮމްބީ ވައިރަސްއެއް އެތަނުގެ ތެރޭގައި ފެތުރި، އެ ވައިރަސްއިން ސަލާމަތް ވުމަށް އެ ކުދިންތައް ކުރާ މަސައްކަތް ދައްކުވައިދޭ މި ޑުރާމާ އަޅުވާނީ ޖެނުއަރީ މަހު ނެޓްފްލިކްސްއިންނެވެ.

ޖުވެނައިލް ޖަސްޓިސް

ކުށްވެރިއެއްގެ މައްސަލައެއް ބެލުމަށް ކޯޓު ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ޑުރާމާ އަންނަ މަހު ނެޓްފްލިކްސްއިން ދައްކަން ފަށާނެއެވެ.