ދުނިޔޭގެ އާބާދީގެ 10 ޕަސެންޓަކީ ބޯ ތަލަވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނެވެ. އެއީ ގާތްގަނޑަކަށް 750 މިލިއަނަށް ވުރެން ގިނަ މީހުން ކަމުގައި ވާއިރު، އެފަދަ ފަރާތްތަކަށް ސައިންސްގެ އަލީގައި ފަރުވާއެއް މި ވަނީ ހޯދައިފައެވެ.

މި ފަރުވާއަކީ ދާދިފަހުން ސައިންސްވެރިން ހަދާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހޯދާފައިވާ ފަރުވާއެކެވެ.

ސައިންސްވެރިން މި ފަރުވާ ހޯދުމަށް މީގެ ކުރިން ވަނީ މީދާ ވެސް ބޭނުން ކޮށްފައެވެ. އެގޮތުން މީދަލަށް މި ފަރުވާ ދިނުމުން އެސޮރުގެ ގައިގައި ވެސް އިތުރަށް އިސްތަށިފަޅާފައިވާކަން ވަނީ ފާހަގަވެފައެވެ.

"މައިކްރޯނީޑަލް ޕެޗް" ފަރުވާ އަކީ އޭގައި ސީރިއަމް ނެނޯ ޕާޓިކަލް ހިމެނިފައިވާ ޕެޗެކެވެ.

ސައިންސްވެރިން ބުނެފައިވަނީ މިއީ ރަނގަޅު ފަރުވާއެއްތޯ ބެލުމަށް ހެއާ ރިމޫވާ ބޭނުން ކޮށްގެން މީދަލެއްގެ އިސްތަށި ބާލާފައި އެތަނުގައި މި ޕެޗް އަޅާފައިވާ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ޕެޗް އަޅާފައިވާތަނުގައި އާދަޔާ ހިލާފަށް އިސްތަށި ފެޅި ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި ފަރުވާ މީދާތަކަށް މަސައްކަތް ކުރި ނަމަވެސް، އިންސާނުންނަށް ބޭނުން ކުރަން އިތުރު ތަހުލީލުތަކެއް ހަދަން ޖެހެއެވެ. އަދި މި ފަރުވާ އިންސާނުންނަށް މަސައްކަތް ކުރާނަމަ އެއީ ތަލަ މީހުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޔޫރަޕިއަން އެކަޑަމީ އޮފް ޑާމަޓޮލޮޖީ އެންޑް ވީނޯރޮލޮގީ އިން އާންމު ކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން، ބޯތަލަވަނީ ހަމައެކަނި ޖެނެޓިކްސް ސަބަބުތައް ކުރިމަތިވެގެންނެއް ނޫނެވެ. މި ދިރާސާ ބުނާ ގޮތުން ބޯތަލަވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މީހާ ދިރިއުޅޭ ހިސާބުގެ ވައި ތަޣައްޔަރުވުމުންނެވެ. މިހެން ކަންތައް ވަނީ ވައިގެ ތެރޭގައި ހިފެހެއްޓިފައިވާ ނުރައްކާތެރި މާއްދާތަކެއްގެ ސަބަބުންނެވެ.

ވައިގެ ތެރޭގައި މި ވިހަ މާއްދާތައް ދައުރުވަނީ ޑީސަލް އާއި ޕެޓްރޯލްގެ އިތުރުން ސިމެންތި ފަދަ އެއްޗެހީގެ ސަބަބުން ކަމުގައި ވާއިރު، އަހަރެމެން އިންސާނުންނަށް މީގެ ނޭދެވޭ އަސަރު ކުރަނީ އެފަދަ އެއްޗެހި ދައުރުވާ ވައިގެ ތެރެއަށް ނޭވާލުމުގެ ސަބަބުންނެވެ.

މީގެ އިތުރުންވެސް، މީހާ މާބޮޑަށް ސްޓްރެސްވެ ކަންކަމާއި މެދު ފުންކޮށް އަބަދު ވިސްނާނަމަވެސް ބޮލުން އިސްތަށި ފައިބައި އެއްކޮށް ތަލަވުމަށް މެދުވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑރ. ރާމީ ޙަަސަން މަނިކު މ.ވައިނުޖެހޭގެ

    ބައެއް ޑޮކްޓަރުން ދެކޭ ގޮތުގައި ބައިއޯޓިން އަދި ހަށިގަނޑަށް ބޭނުންވާ އެހެނިހެން މާއްދާތައް މަދުވުމުން ވެސް އިސްތަށި ފައިބައެވެ. މި މަޢުލޫމާތަށް ބިނާކޮށް އިސްތައްޓަށް ބޭނުންވާ ހުރިހާ މާއްދާތައް އެކުލެވޭ ގުޅަބޭހެއް މިހާރު އިންޑިއާ އިންނާއި ލަންކާ އިން ލިބެންހުރެއެވެ. ބޭހުގެ ނަމަކީ "ޑެންސިޓާ" އެވެ. އީ-ބޭ މެދުވެރިކޮށް ގަންނަން ލިބެއެވެ. ބޭނުން ކުރި މީހުން ބުނާގޮތުން، 6 މަސްތެރޭގައި %85 އިސްތަށި ފަޅައެވެ.

    1
    1
    • ާލީނާ

      ތީ ހަމަ ޑޮކްޓަރެއްތޯ؟

      1
      1