ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފްރާންސްގައި ތަރުކާރީ އާއި މޭވާ ޕްލާސްޓިކުން ބަންދުރުކުން މަނާކޮށްފިއެވެ.

ފްރާންސްގެ އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ތަރުކާރީ އާއި މޭވާގެ ތެރެއިން 30 ބާވަތެއް ޕްލާސްޓިކްގައި ބަންދުކޮށްފައި ވިއްކުން މަނާވާނެ ކަމަށެވެ. މި ލިސްޓުގައި ހިމެނޭ ތަރުކާރީ އާއި މޭވާތަކުގެ ތެރޭގައި އާފަލާއި އޮރެންޖު، ދޮންކޭލާއި ޓޮމާޓޯ އަދި ލީކްސް ހިމެނެއެވެ.

މިނިސްޓްރީން ބުނީ އެ ގައުމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ވަރަށް ގިނައިން ބޭނުންކުރެވޭ ކަމަށާއި އަލަށް ހެދުނު ގަވައިދުގެ ދަށުން މިފަދަ ޕްލާސްޓިކްތައް ބޭނުންކުރެވޭ މިންވަރު މަދުވެގެން ދާނެ ކަމަށެވެ.

ފްރާންސްގައި ވިއްކާ މޭވާ އާއި ތަރުކާރީގެ 37 އިންސައްތަ ވިއްކަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ޕެކޭޖިން އާއެކު ކަމަށް ވުމުން ސަރުކާރުން އެޅި މި ފިޔަވަޅުގެ ސަބަބުން އެގައުމަށް ބިލިއަނަކަށް ވުރެ ގިނަ ބޭކާރު ޕްލާސްޓިކް ޕެކޭޖިންތަކުން ދުރުވާނެކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން ބުނެއެވެ.

ފްރާންސްގެ މޭވާ ވިއްކާ ފެޑެރޭޝަންގެ ރައީސް ފްރާންސުވާ ރޮޗް ވިދާޅުވީ މި ބަދަލު ގެނައުމަކީ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

މިއީ ސާފުތާހިކަމުގެ ގޮތުންވެސް އެހާ ރައްކާތެރި ކަމަކަށް ނުވެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ސަބަބަކީ މޭވާ އާއި ތަރުކާރީ ގަތުމަށްދާ ގިނަ މީހުން ރަނގަޅު އެއްޗެހި ދެނެގަތުމަށް ވަރަށް ގިނައިން އޭގައި އަތްލާނެތީއެވެ.

މިދިޔަ އަހަރުން ފެށިގެން ފްރާންސްގައި ވަނީ ޕްލާސްޓިކް ހޮޅިއާއި، ތަށި އަދި ކަޓްލަރީގެ އިތުރުން ސްޓައިރޮފޮމް ޓޭކްއަވޭ ފޮށިވެސް މަނާކޮށްފައެވެ.