ބުޅަލަކީ ދިވެހިން ވެސް ހިމެނޭހެން ދުނިޔޭގެ ގިނަ ބަޔަކު ގެންގުޅޭ ހިތްވާ ޖަނަވާރެކެވެ. އެސޮރުމެންގެ ފަރާތުން ހިތްހަމަ ޖެހުން ގިނަ ބަޔަކަށް ލިބޭއިރު، ބައެއް ފަހަރު ގެއްލުމާ ވެސް ކުރިމަތިލާން ޖެހެއެވެ.

މިއީ ފާއިތުވި ތިން އަހަރު ބުޅަލުގެ ސަބަބުން ދެކުނު ކޮރެއާގެ 107 ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގި ވާހަކައެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެގައުމަށް ވަނީ 118،500 އެމެރިކާ ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި މި ހާދިސާތަކުގައި ހަތަރު މީހަކަށް ވެސް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ.

މި ހާދިސާތަކުގެ ތެރެއިން ގިނަ ހާދިސާތައް ހިނގާފައިވަނީ ކަރަންޓް ސާމާނު ކަރަންޓަށް ގުޅާފައި ހުއްޓާ ބުޅާތައް ގޮސް އެތަކެތީގައި އަޅައިގަނެގެން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި ބައެއް ހާލަތްތަކުގައި އެސޮރުމެން ކުޅެން ވެގެން ވެސް އެތަކެތި ބޭނުން ކުރުމުގެ ތެރޭގައި އެ ހާދިސާތައް ހިނގާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

މީގެ އިތުރުން ވެސް އެކިކަހަލަ ކަރަންޓް ސާމާނުގައި ހުންނަ ބަޓަންތަކަށް ފިތުމުގެ ސަބަބުން ވެސް މިފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ދެކުނު ކޮރެއާގައި މިފަދަ ހާދިސާތައް ހިނގާފައިވާތީ، އެގައުމުގެ ސަރުކާރުން ވަނީ ބުޅާތައް ގެންގުޅޭ ފަރާތްތަކުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެވޭނެ ވަސީލަތްތައް ގޭގޭގައި ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.