އައިޝްވާރިޔާ ރާއީ ބައްޗަންގެ މިލްކިއްޔާތުގައި މިހާރު 100 މިލިއަން ޑޮލަރު(1.5 ބިލިއަން ރުފިޔާ) ހުންނާނެ ކަމަށް ”ސެލެބްރިޓީ ނެޓް ވޯތު“ އަންދާޒާ ކުރާ ފަރާތަކުން ހާމަކޮށްފި އެވެ.

އެންޓަޓައިންމެން ޓައިމްސް އިން ރިޕޯޓުކުރާގޮތުގައި ބޮލީވުޑްގެ އެންމެ މުއްސަނދި ފަސް އަންހެން ފަންނާނުންގެ މިލްކިއްޔާތުގައި މުޅިއެކު 300 މިލިއަން ޑޮލަރު(4.6 ބިލިއަން ރުފިޔާ) އެބަހުއްޓެވެ.


އައިޝްވާރިޔާ އަކީ ބޮލީވުޑްގައި އެންމެ ހުނަރުވެރި އަދި އެންމެ ގިނަބައެއްގެ ލޯބި ލިބިފައިވާ އެއް ތަރިއެވެ. 20 އަހަރަށްވުރެ ގިނަ ދުވަހު ފިލްމީދާއިރާގައި މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ އައިޝްވާރިޔާ ކައިވެނިކޮށްގެން އުޅެނީ ފިލްމީތަރި އަބީޝޭކް ބައްޗަން އާއި އެވެ.


މި ލިސްޓުން ދެވަނައިގައި އުޅެނީ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ އެވެ. އޭނާގެ މިލްކިއްޔާތުގައި 70 މިލިއަން ޑޮލަރު(1،079 މިލިއަން ރުފިޔާ) ހުރިއިރު އަހަރެއްގެ މައްޗަށް އޭނާ އަށް ދިހަ މިލިއަން ޑޮލަރުގެ(154 މިލިއަން ރުފިޔާ) އާމްދަނީއެއް ލިބެއެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި އެވެ.


ކަރީނާ ކަޕޫރު ޚާންގެ މިލްކިއްޔާތުގައި 60 މިލިއަން ޑޮލަރު އެބަހުއްޓެވެ. ބޮލީވުޑްގެ ބޮޑެތި ބައެއް ފިލްމުތަކުގައި އެކްޓްކުރުމުގެ އިތުރުން ލީޑިން އެކްޓްރެސް އެއްގެ ރޯލުންވެސް އޭނާ ފެނިގެންގޮސްފައިވާއިރު 15 އަށް ވުރެ ގިނަ ބްރޭންޑް އޭނާ އިސްތިހާރު ކުރެއެވެ.


ލިސްޓުގެ ހަތަރުވަނައިގައި ވަނީ އެކްޓަރު/ޕްރޮޑިއުސަރު އަނުޝްކާ ޝަރްމާ އެވެ. އޭނާގެ މިލްކިއްޔާތުގައި 46 މިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ ކުޅޭ ކޮންމެ ފިލްމަކަށް 150 މިލިއަން ރުޕީސް ޗާޖުކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.


މި ލިސްޓުގެ ފަސްވަނައިގައި ވަނީ ދީޕިކާ ޕަދުކޯން އެވެ. އޭނާގެ މިލްކިއްޔާތުގައި 40 މިލިއަން ޑޮލަރު(616 މިލިއަން ރުފިޔާ) އެބަހުއްޓެވެ. ދީޕިކާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހުންނަ އިރު އޭނާ އަކީ ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. މި އެކްޓްރެސް އަކީ ބައިނަލްއަގުވާމީ ބޮޑެތި ބައެއް ބްރޭންޑްތައް ވެސް އިސްތިހާރުކުރާ އެކްޓްރެސް އެކެވެ.