ނިދައިން ހޭލާ، ގޭދޮށު މަގުމަތި ބަލާލާއިރު، މަގުމަތީގައި ބޮޑު މަތިންދާބޯޓެއް އޮތްނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ގަންނާނީ ބިރު ހެއްޔެވެ؟ ނުވަތަ ވާނީ އަޖައިބު ހެއްޔެވެ؟ އެހެންނޫނަމަ، ޒަމާނާ އެއްގޮތަށް، އެންމެ ފުރަތަމަ ދާނީ މަތިންދާބޯޓުގެ ފޮޓޮއެއް ނަގާލުމަށްފަހު، މީސް މީޑިޔާއަށް ލުމަށްހެއްޔެވެ؟ ނުވަތަ މަތިންދާބޯޓުގެ ފޮޓޯއެއް ސްނެޕް ކޮށްލާނީ ހެއްޔެވެ؟

މިއީ ހުސް ވެދާނެ ކަންކަމެވެ. ކޮށްފާނެ ކަންކަމެވެ. މިފަދަ ކަމެއް، ދުނިޔޭގައި ވަރަށް ފަހުންވަނީ ހިނގާފައެވެ. މިކަން ހިނގާފައިވަނީ، މިހާރު ނޫސްތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދާފައިވާ ތައިލެންޑުގައެވެ.

ތައިލެންޑުގެ ރަށްފުށު ސަރަޙައްދުގައި ހުންނަ ދަނޑުވެރިކަން ކުރާ ބިމެއްގައި ބޮޑު މަތިންދާބޯޓެއް އޮއްވާ ވަނީ ފެނިފައެވެ. އެސަރަޙައްދުގެ މީހުން، ރޭގަނޑުގެ އަރާމު ނިދިން ހޭލައިގެން ނިކުމެ، ދުވަހުގެ މަސައްކަތަށް ނިކުންނަން ބަލާލިއިރު، އެމީހުންގެ ދަނޑުމަތީގައި އޮތީ މަތިންދާބޯޓެކެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކަށް ހައިރާންކަން ލިބުނުކަމަށްވެއެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޗަކަ ބިމެއްގައި، ބޮޑު މަތިންދާބޯޓެއް އޮތުމުން ބައެއް ފަރާތްތަކުން ކަންތައް ބޮޑުވެ، ހައިރާންވިއެވެ.

އެހެން ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މަތިންދާބޯޓު ފެނުމުން، ހީކުރީ އެއީ ތެޔޮ ހުސްވެގެން ނުވަތަ އެފަދަ ކުއްލި ޙާލަތެއް މެދުވެރިވެގެން އައިސް ޖައްސާފައި އޮތް އެއްޗެއްކަމަށެވެ. އެހެންނަމަވެސް، އޭގެ ދޮރުތައް ލައްޕާފައި ހުރުމުން، އެކަން އިތުރަށް ބަލައި ހޯދާނެ ގޮތްތަކެއް ނެތްކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އަސްލު ވީ ކިހިނެއް؟

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މިއީ އެސަރަޙައްދުގައި ދިރިއުޅޭ މުއްސަންޖަކު، އެޤައުމުގައި ކުރިއަށް ގެންދިޔަ ނީލަމަކުން ގަނެފައިވާ އެއްޗެކެވެ. ބޮޑު ޓްރަކަކަށް ލައިގެން ގެނެސް، ކެރޭންޏެއްގެ އެހީގައި އެ ދަނޑުމަތީގައި ބޯޓު ބައްވާފައިވަނީ ދަންވަރުގެ ވަގުތުގައެވެ. ޗަކަ ބިމުގައި ބޭއްވުމުން ގަނބައިން ގޮސްދާނެތީ، ބޯޓުގެ ފުރޮޅުތަކުގެ ދަށަށް ބޮޑު ކޮންކްރީޓް ގަނޑެއް ލައިފައިވެއެވެ.

އެހެންކަމުގައިވިޔަސް، މިކަމުން އެތައް ބަޔަކަށް ޝޮކެއް ލިބިގެން ދިޔައެވެ. އެތައް ބަޔަކު އަދިވެސް ތިބީ ހައިރާން ކަމެއްގައެވެ.

ޖަމްބޯ ޖެޓް ބާވަތުގެ މި ބޯޓަކީ ބޮއިންގ 747 މަރުކާގެ ވަރުގަދަ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު