އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެންވިކަމުގައިވިޔަސް ނުވަތަ އެނޫންވެސް ގޮތަކުންވިޔަސް، ބާރަށް އަމިއްލަ ނަފްސާ އެތައް ބަޔަކު ވާހަކަ ދައްކާ އުޅެއެވެ. މިއީ ބައެއް ފަރާތްތަކުގެ ނަޒަރުގައި އެހާ ރަނގަޅު ކަމެއްކަމަށްވެސް ނުދެކެއެވެ. އަދި، މިއީ މައްސަލައެއްގެ ސަބަބުންވާ ކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

އެހެންނަމަވެސް، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ ބައެއް ފަރާތްތަކުން ބުނާ ގަޮތުގައި، އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ އެއްގޮތަކަށްވެސް ގޯސް ކަމެއް ނޫނެވެ. ނުވަތަ، އެއީ ކުރަން ނުވާވަރުގެ، މައްސަލަތަކެއް ހުރިކަމެއްވެސް ނޫނެވެ. އެފަރާތްތަކުން ބުނާ ގޮަތުގައި، މިއީ ބައެއް ފަހަރު، ފައިދާތަކާވެސް ގުޅިފައިވާ ކަމެކެވެ.

މިއީ ބައެއް ފަހަރު ގަސްދުގައި ނުވަތަ ގަސްދަކާ ނުލައި ކުރެވޭ ކަމެއްކަމަށްވާއިރު، މިއީ ސިކުނޑީގައި އުފެދޭ އެއްޗެހި ބޭރުކޮށްލުމަށް އޮތް މަގެއްކަމަށްވެސް، ނަފްސާނީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެއެވެ. އެެއީ ކުދި ކުދި ކަންކަމާ ބެހޭގޮތުންވިޔަސް އަދި ބޮޑެތި ކަންތައްތަކާ ބެހޭގޮތުންވިޔަސް މެއެވެ.

ބައެއް ސައިކޯތެރަޕިސްޓުން ބުނެފައިވާ ގޮތުގައި އަމިއްލަ ނަފްސާ ނުވަތަ އަމިއްލަ އަމިއްލަ އަށް ވާހަކަ ދެއްކުމަކީ ކުރިމަތިވަމުންދާ ނުވަތަ މުސްތަގުބަލުގައި ކުރިމަތިވެދާނެ، ބޮޑެތި، އުނދަގޫ ކަންކަމުން އަރައިގަތުމަށް އޮތް އެހީއަކަށް ވެގެންދާނެއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ މިޝިގަން ސްޓޭޓް ޔުނިވަރސިޓީ އިން ވަނީ ދިރާސާއެއްވެސް ކޮށް، ހޯދުންތަކެއް ހޯދާފައެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ، ހިތުގައި އުފެދިފައިވާ ރުޅި ކޮންޓްރޯލް ކޮށްދީ، ހާސްވުމުން ނުވަތަ ސްޓްރެސް ވުމުން ދުރުކޮށްދޭނޭ ކަމެކެވެ.

އެހެންކަމުގައިވިޔަސް، އެހެން އެއްވެސް މީހަކާ ވާހަކަ ނުދައްކާ، ހަމައެކަނި އަމިއްލަ ނަފްސާ ވާހަކަ ދެއްކުމަކީ ނުވަތަ މުވާސަލާތު ކުރުމަކީ މައްސަލައެއްކަމަށް، ގިނަ ތަޖުރިބާކާރުން ދެކެއެވެ.