ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމަކީ މިހާރު ވަރަށް އާއްމުކޮށް ކުރިމަތިވާ ކަންކަމެވެ. މިފަދަ ކަންތައްތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުމަށް ގެންނަ ބަދަލުން ދުރުކުރެވިދާނެ ކަމެކެވެ.

ޔޫސީއެލްއޭގެ ދިރާސާއިން ދައްކާ ގޮތުގައި މޭބިސްކަދުރު ކެއުމަކީ ހާޓް އެޓޭކާއި ސްޓްރޯކު ޖެހުމުން ދުރުކޮށްދޭ، އަދި އެކަން މަދު ކޮށްދޭނެ ކަމެކެވެ.

މި ދިރާސާގެ ބައިވެރިންނަށް ފުރަތަމަ ހަތަރު ހަފުތާ ފައިބަރ ދަށް ބާވަތްތަކުގެ ކާނާ ކާންދެވުނެވެ. އަދި އަނެއް ހަތަރު ހަފުތާ ފައިބަރ ދަށް ބާވަތުގެ ކާނާއާއި އެކު، ކޮންމެ ދުވަހަކު ވެސް 46 ގުރާމުގެ މޭބިސްކަދުރު ކާންދެވުނެވެ.

މި ބައިވެރިންގެ ބޮޑުކަމުދާ ތަކެއްޗާއި ކުޑަ ކަމުދާ ތަކެތީގެ ސާމްޕަލްގެ ނަތީޖާއިން ދައްކާ ގޮތުގައި މޭބިސްކަދުރު ކެއި ހަފުތާގައި މައިކޮރޮބިއަލް ޑައިވާސިޓީ އިތުރުވެފައިވާކަން ފާހަގަ ކުރެވުނެވެ.

ގުލްކޯޒްއާއި ލިޕިޑް މެޓަބޮލިޒަމްއަށް ފައިދާ ހުރި ބެކްޓީރިއާއެއް ވެސް ފާހަގަ ކުރެވުނެވެ. ޑެންސިޓީ ލިޕޮޕްރޮޓީން ކޮލެސްޓްރޯލް 5.9 އިންސައްތަ ދަށްވެފައިވެއެވެ. މީގެއިތުރުން މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ބްލަޑް ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ވެސް ބުނެފައިވެއެވެ.

ފައިބަރ މަދު ކާނާއާއި އެކު މޭބިސްކަދުރު ކެއި ހަފުތާ ޖުމުލަ 6.1 އިންސައްތަ ކޮލެސްޓްރޯލް ދަށްވެފައިވެއެވެ. އަދި ބައިލް އެސިޑު ވެސް 40.9 އިންސައްތަ ދަށްވެފައިވެއެވެ.

ދިރާސާގެ ޕްރޮފެސަރ ޒާއޯޕިން ލީ ބުނެފައިވަނީ މޭބިސްކަދުރުން ފައިދާ ހުރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށެވެ. މޭބިސްކަދުރުގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދީ ހިތުގެ މައްސަލަ ތަކާއި ސްޓްރޯކް ޖެހުން ފަދަ ކަންތައްތައް މަދު ކޮށްދޭނެ ކަމަށް ވެސް ޕްރޮފެސަރ ބުނެފައިވެއެވެ