ހިތުގެ ބަލި ހުންނަ އެމެރިކާ މީހެއްގެ ހިތް ނެގުމަށް ފަހު ބަދަލުގައި އޫރެއްގެ ހިތެއް ލައްވައި ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި ހިތް ބަދަލު ކުރި މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

ޑޭވިޑް ބެނެޓް ނަމަކަށް ކިޔާ މީހާގެ ހަށިގަނޑަށް ލެއްވި އޫރުގެ ހިތައް ޑޮކްޓަރުން ވަނީ އޮޕަރޭޝަންގެ ކުރިން ބައެއް ބަދަލުތައް ގެނެސްފައެވެ. މިއޮޕަރޭޝަން މިހާތަނަށް ކާމިޔާބު ކަމަށް ބެލެވޭތީ މިއީ ގުނަވަންތައް ނުލިބިގެން އޮޕަރޭޝަންތައް ނުކުރެވި ތިބި މީހުންނަށް ލިބިގެން ދިޔަ އުއްމީދެއް ކަމަށް އޮޕަރޭޝަން ކުރި ޓީމުން ބުނެއެވެ.

އޮޕަރޭޝަން ކުރި ޓީމްގެ އިސް ޑޮކްޓަރު ބާޓްލީ ގްރިފްތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގުނަވަންތައް ހަދިޔާ ކުރާ މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި ގުނަވަން ބަދަލު ކުރުމުގައި މިހޯދުނު ކާމިޔާބުގެ ސަބަބުން ގުނަވަންތައް ބަދަލު ކުރުމުގެ އޮޕަރޭޝަންތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އެމެރިކާގެ މޭރީލޭންޑަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓަށް ކުރިމަތިވި ހިތުގެ މައްސަލަތަކުގެ ސަބަބުން ދުނިޔޭގައި ހުންނަން ބޭނުންނަމަ އޭނާ އަށް އޮތް ހަމައެކަނި ގޮތަކީ ހިތް ބަދަލު ކުރުމެވެ. ނަމަވެސް ބަދަލު ކުރާނެ އިންސާނެއްގެ ހިތެއް ނުލިބުމުން ޑޮކްޓަރުންގެ ލަފައާއިއެކު އޭނާ އެއްބަސްވީ އޫރެއްގެ ހިތަކަށް އޭނާގެ ހިތް ބަދަލު ކުރާށެވެ.

ޑޭވިޑްގެ ހިތް ބަދަލު ކުރީ އެމެރިކާގެ އެފްޑީއޭ އިން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކުރިއަށް އޮތްތަނުގައި މިފަދަ އޮޕަރޭޝަންތައް ކުރުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭ އިން ދޭނީ ޑޭވިޑްގެ ހާލަތައް އަންނަ ބަދަލުތައް ދިރާސާ ކުރުމަށް ފަހު އެވެ.

ބެނެޓްގެ ހަށިގަނޑަށް މިހާރު ލައްވާފައިވާ އޫރުގެ ހިތައް ބަދަލުތަކެއް ގެނައީ ބޭސް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރެވިވިކޯއިންނެވެ. އެކުންފުނީގެ ސައިންސްވެރިން ހިތައް ގެނައި ބަދަލުތަކުގެ ތެރޭގައި ހާއްސަ ޑިވައިސްއެއް ހިތުގައި ހަރުކުރުން ވެސް ހިމެނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އޫރުގެ ގިނަ ގުނަވަންތަކާއި އިންސާނުންގެ ގުނަވަންތަކާއި ވަރަށް އެއްގޮތް ސިފަތަކެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަހު

    ސްބްޙާނަﷲ ﷲއަކްބަރު

    12
    4
  2. ރެހި

    ސުބްހާނަﷲ. ތިޔަ މީހާ އަށް ސުވަރުގެ ދެވޭނެތަ؟

    11
    7
  3. ކޮރަލް

    މިމީހުންނަށް ކާން ބޯން އަދި ޓެސްޓް ހަދަން ވެސް އޫރާއި ކުއްތާ އާ އޫރު ނޫން އެއްޗެއް ކަމަކު ނުދެ އެވެ.

    14
    2
  4. ނަން

    ތިޔަކަން ވެސް ކުރާނީ އެއުޅޭ އިޒްރޭލު އަޑީގައި އޮވެ އެމީހުންގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން

    4
    1
  5. މަހޫ

    އައުޒުބިއްލާހި.. އެއްވެސް މުސްލިމަކު މިފަދަ ހިތެއް ލެއްވުމައް ހުއްދައެއްނުވާނެ. ހެއްދެވި ފަރާތެއް ނުވާކަމައް ގަބޫލު ކުރާ ބަޔަކައް ހަލާލެއް ހަރާމެއް ނުވޭ. އަދި ނަޖިހާއި ތާހިރުކަމަކީ ކޮބާކަންވެސް ނޭނގޭނެ. އައުޒުބިއްލާހި.