އިންޑިޔާގެ ޑެއްލީގައި އުމުރުން 5 އަހަރުގެ ކުއްޖަކު އެކުއްޖާގެ މައިންބަފައިންނަށް ދުވަހަށް ފީ ނުދެއްކުމުން ގުދަނެއްގައި ބަންދުކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރާބިޔާ ގާލްސް ޕަބްލިކް ސްކޫލުގައި ކަމަށެވެ.

މިކުއްޖާގެ މައިންބަފައިން މިހާރު މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިކުއްޖާގެ މައިންބަފައިން ބުނެފައިވަނީ މިކުއްޖާގެ މަހު ފީ ދެއްކުމަށް ލަސްވީ އެކުއްޖާގެ ބައްޕަގެ މުސާރަ ލަސްވުމުން ކަމަށާއި މިގޮތަށް ކަންތައް ކޮށްފާނެ ކަމަށް ދުވަހަކުވެސް ހިތަށްވެސް ނާރާ ކަމަށެވެ.

މިކުއްޖާގެ މަންމަ ބުނެފައިވަނީ މިކުއްޖާ 8 ޖެހި އިރު ސްކޫލަށް ލާފައި 12 ޖެހި އިރު ބަލާދިޔައިރު އޭނާގެ ދަރިފުޅު ގުދަނެއްގައި ބަންދުކޮށްފައި ހުރުމުން ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ.

" އެންމެ ފަސް އަހަރުގެ ކުއްޖެއް އެއީ. އެކުއްޖާ ބެެހެއްޓީ ރަނގަޅަށް ވައިވެސް ބޭރުނުވާ ގުދަނެއްގައި ބަންދުކޮށްފަ. އަހަރެންގެ ދަރިފުޅުގެ މޫނުމަތިން ހާސްކަމާއި ބިރުގަނެފައި ހުރިކަން ފެނުނު. ސްކޫލް އިން ކުރީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް." ބޭރުގެ ނޫސްތަކަށް ދިން އިންޓަރވިއުއެއްގައި މިކުއްޖާގެ މަންމަ ބުނެފައިވެއެވެ.

މިކުއްޖާ މިގޮތަށް ބަންދު ކޮށްފައި ހުރުމުން އެކަމާ ނުރުހުން ފާޅުކޮށް އެސްކޫލުގައިވަނީ މުޒާހަރާތަކެއް ކޮށްފައެވެ. ބެލެނިވެރިން މިމުޒާހަރާގައި ތަކުރާރުކޮށް ބުނަމުން ދިޔައީ އެމީހުންގެ ދަރިންގެ ރައްކާތެރިކަން ސްކޫލްއިން ޔަގީންކޮށް ދޭން ޖެހޭ ކަމަށާއި މިގޮތަށް ކަންތައް ކުރުމުގެ ހައްގު އެކަކަށްވެސް ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްމަޑޭ

    މާމިގިލީ ސުކޫލުގައި ވެސް އަހަރުން ބޭހެއްޓި ތިހެން ގުދަނަކަށް ލާފައި. 2000ވަނަ އަހަރު..