ބޮކްސް އޮފީހުގައި ކުޅަދާނަ ފިލްމީ ތަރި ރިތިކް ރޯޝަން ފަހަތަށް ޖައްސާލައި ފިލްމީ ތަރި ރަންވީރް ސިން ކުރިއަށް ޖެހިލައިފިއެވެ.

ބޮކްސް އޮފީހުގައި ހީކުރި ގޮތާ ހިލާފަށް "83" އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އިރު "ސްޓާ ރޭންކިން" އިންވެސް މި ފިލްމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައެވެ. އެއާއެކު ރިތިކް ރޯޝަންގެ ސްކޯ ފަހަނައަޅައި ގޮސް ރަންވީރް ވަނީ ޝާހް ރުކް ޚާން އާ ހަމަކޮށްފައެވެ.

ފިލްމު 83 އިން 100 ކްރޯޑް ރުޕީސް ހޯދައިގެން ރަންވީރު ސިންގް އަށް ވަނީ 100 ޕޮއިންޓް ލިބިފަ އެވެ. އޭނާއަށް މިހާރު ޖުމްލަ 950 ޕޮއިންޓް ލިބިފައިވާއިރު، ރިތިކް ރޯޝަން އަށް ލިބިފައިވާ ޕޮއިންޓްސް ތަކުގެ އަދަދަކީ 900 އެވެ.

ރަންވީރް އެންމެ ފަހުން ރިލީޒްކުރި ފިލްމު 83 އަށް މިހާތަނަށް 100.56 ކްރޯޑު(971 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އެގޮތުން މި ފިލްމު ތިއޭޓަރުގައި ރިލީޒްކުރިތާ އަށް ހަފުތާ ހަމަވުމުގެ ކުރިން ފިލްމަށް ލިބުނު އާމްދަނީގެ އަދަދު ނުނެގުމަށް ފިލްމު އުފެއްދި ފަރާތުން ތިބީ އަޒުމު ކަނޑައަޅައިގެންނެވެ. ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނައިރު މި ފިލްމަށް ލިބުނު ތަރުހީބުގެ އަދަދު އިންތިހާއަށް އިތުރުވެގެން ދިޔައެވެ.

ކޮވިޑް-19ގެ އާ ވައްތަރު އިންޑިޔާގައި ހަލުވިކަމާއި އެކީ ފެތުރެމުންދާއިރު އެގައުމުގެ ބައެއް ސަރަހައްދުތައް، ދިއްލީއާއި ހަރިޔާނާގެ ފަސް ސަރަހައްދެއްގެ ސިނަމާތަކާއި ފިލްމު ދައްކާ އިތުރު ތަންތަން މިހާރު ވަނީ ބަންދުކޮށްފަ އެވެ. ސިނަމާތައް ބަންދުކުރުމުގެ ކުރިން މަހާރާޝްތުރާ، ޓެމިލް ނާޑޫ އަދި ވެސްޓް ބެންގާލްގައިވެސް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަ ކުރެވެއެވެ.