1990 އިގެ އަހަރުތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވުނު އެކްޓަރ ގޯވިންދާގެ އެންމެ ފަހު ވީޑީއޯ ލަވައިގެ ސަބަބުން މީހުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

1990ގެ އަހަރުތަކާއި 2000 ގެ ކުރީގެ އަހަރުތަކުގައި ކާމިޔާބު އެތައް ފިލުމު ކުޅެފައިވާ ގޯވިންދާ، ސިޔާސީ ދާއިރާއާއި ގުޅުމަށް ފަހު ފިލުމު ތަކުގައި މަސައްކަތް ކުރުން ހުއްޓާލިއެވެ.

ގޯވިންދާގެ ފިލުމެއްގެ އިންތިޒާރުގައި ތިބި ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް ލިބިގެން ދިޔައީ ގޯވިންދާގެ ތިންވަނަ ވީޑިއޯ ލަވަ ނެރޭނެ ކަމަށް ބުނުމުންނެވެ.

ގޯވިންދާ ޔޫޓިއުބު ޗެނަލް ''ގޯވިންދާ ރޯޔަލްސް'' އިން ''ހެޕީ'' މި ލަވަ ބެލޭނެ ކަމަށް ބުނެ ގޯވިންދާ ވަނީ ޕޯސްޓެއް ކޮށްފައެވެ.

ނަމަވެސް މި ލަވަ ބެލުމަށް ފަހު ސަޕޯޓަރުންގެ ފަރާތުން އެދެވޭ ތަރުހީބެއް ނުލިބުނެވެ. ނޭދެވޭ ފާޑުކިޔުންތައް ދިޔައީ އިތުރުވަމުންނެވެ.

މިހާރު މިއީ 2022 ވަނަ އަހަރު ނޫންކަމަށް އެތައް ބަޔަކު ބުނެފައިވާއިރު، 1990 އަހަރުތަކެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މި ލަވަ ކުޅުމަށް ވުރެ ރީތި ގޮތުގައި ރިޓަޔާވުން ވެސް ރަނގަޅުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިފަދަ ވީޑިއޯ ލަވަތަކުން ގޯވިންދާ ފެނުމަކީ ލަދުގަންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. ފިލުމު ''ޕާޓްނަރ'' އަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި އެ ފިލުމަށް ފަހު ކެރިއަ ނިންމާލި ނަމަވެސް ރަނގަޅު ވާނެ ކަމަށް ކޮމެންޓް ކުރި ފަރާތަކުން ބުނެފައިވެއެވެ.

ގޯވިންދާއަކީ ނެށުމުގެ ރޮނގުގައި ވެސް ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ. ގޯވިންދާގެ އަމިއްލަ ވަންތަ ނެށުމަކީ މިއަދު ވެސް ފޫހިކަމެއް ނެތި އެތައް ބަޔަކު ބަލައި ނެށުމެކެވެ.