އިންޑިޔާގެ ގުޖުރާތް އަށް ނިސްބަތްވާ އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުގައި 130 ދުވަހަށް އޮތުމަށްފަހުން ބަލި ފަސޭހަވެ ގެއަށް ދޫކޮށްލައިފި އެވެ.

އާސިމް ޕަޓޭލް ނަމަކަށް ކިޔާ މި ކުއްޖާ އެޑްމިޓްކޮށްފައި އޮތީ އިންޑިޔާގެ އެސްއެސްޖީ ހޮސްޕިޓަލްގައި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ގަދަޔަށް ހުންއައިސް ނާރުތަކަށް މައްސަލަ ދިމާވެ މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުގެ މަސައްކަތް ހުއްޓެން ގާތްވެފައި ވަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އަމިއްލަ އަށް ނޭވާލާނެ ހިތްވަރެއްވެސް ގައިގައި ނެތެވެ.

މި ކުއްޖާ އަކީ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ވުމުން ބޭސްފަރުވާހޯދަން ފަސޭހަވެގެން ދިޔައެވެ. އާސިމްގެ ބައްޕަ ވަސިމް ޕަޓޭލް އަކީ ވަކަރުގެ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހެކެވެ.

މި ކުއްޖާ ވެންޓިލޭޓަރުގައި އޮތް އިރު، ބޭރަށްހިނގުން، ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އަދި ފަންގަލް އިންފެކްޝަން ފަދަ އިތުރު ސީރިއަސް ކަންކަން ކުރިމަތިވިއެވެ. ޑޮކްޓަރުން އޭނާއަށް ކެނޑިނޭޅި ފަރުވާ ދެމުން ދިޔަ އިރު އޭނާގެ ބައްޕަ އާއި މާމަ ބަލަހައްޓަމުން ދިޔަ އިރު އޭނާގެ މަންމަ ދިޔައީ އޭނާގެ ކޮއްކޮގެ ކަންކަން ބަލަހައްޓަމުންނެވެ.

ވެންޓިލޭޓަރުގައި އޮތް މުއްދަތުގައި ސެރެބްރޯސްޕައިނަލް ފްލުއިޑް އެގްޒަމިނޭޝަން، ވައިރަލް ޓިޝޫ، ބްލަޑް އެގްޒަމިނޭޝަން، އެމްއާރްއައި، އީއީޖެޓްސީ އިންވެސްޓިގޭޝަންސް، އަދި އެންމެ ފަހުން އެންސެފަލޯމައިލައިޓިސް، ބްރެއިން އަދި ސްޕައިނަލް ކޯޑްގެ އިންފްލެމޭޝަން އެއް ކަމަށްވާ އެންސެފަލޯމައިލައިޓިސް ޖެހިފައިވާކަން ދެނެގަތުމަށްވެސް ޓެސްޓުތައް ހަދާފައިވާކަމަށް އާސިމްއަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނެއެވެ. ނަމަވެސް މިއިން އެއްވެސް ޓެސްޓަކުން އަސްލު މައްސަލަ ދިމާވި ސަބަބެއް ޑޮކްޓަރުންނަކަށް ހޯދިފައި ނުވެއެވެ.

ސެންޓްރަލް ގުޖުރާތުގެ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމެންޓްގެ ޑޮކްޓަރުންނާއި ނަރުހުންނަށް، މިއީ ތަފާރު ތަޖުރިބާއެއް ކަމަށް އެފަރާތުން ބުނެއެވެ.

ވެންޓިލޭޓަރުގެ އެހީގައި މިހާ ދިގު މުއްދަތަކަށް އާސިމްއަށް ފަރުވާ ދޭން ޖެހުނުއިރު އޭނާގެ އާއިލާއަށް އެތައް ލައްކަ ރުފިޔާ ފަރުވާއަށް ހަރަދުކުރަން ޖެހުނު ކަމަށް އާއިލާއިން ބުނެއެވެ.

އަދި މިހާރު ދަރިފުޅު ރަނގަޅުވެ ގެއަށް ފޮނުވާލުމުން އާއިލާއިން ވަނީ ވަރަށް ބޮޑަށް އުފާވެފައިވާކަން ހާމަކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު