ދޯހާ އިން ފުރައިގެން ޔުގެންޑާއަށް ދަތުރުކުރި ޤަތަރު އެއާވޭސްގެ ފްލައިޓެއް ތެރޭގައި މާބަނޑު އަންހެނަކު ވިހައިފިއެވެ. މިހާދިސާ ހިނގީ މިދިޔަ މަހުއެވެ. ނަމަވެސް މީޑިއާ އިން މިކަމާއި ގުޅޭ ޚަބަރު ގެނެސްދީފައި ވަނީ މީގެ ދެެދުވަސް ކުރިންނެވެ.

މާބަނޑު މީހާ ވިހެއުމުގައި އެހީތެރިވެދިނީ ފްލައިޓްގައި އެވަގުތު އިން ކެނެޑާގެ ޑޮކްޓަރެއް ކަމަށްވާ ޑރ.އައިޝާ ޚާތިބު އެވެ.

ޑރ.އައިޝާ މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ފްލައިޓް ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ފްލައިޓްގެ ޕައިލެޓް ވަނީ ފްލައިޓްގައި ޑޮކްޓަރެއް އެބައިންތޯ އަހާފައެވެ. އެއީ މާބަނޑު މީހަކަށް އެހީތެރިވާން ކަމަށް ވެސް ޕައިލެޓް ބުންޏެވެ. އެއާއިއެކު ޑރ.އައިޝާ ކޮޅަށް ތެދުވީ އޭނާ އަށް ޑޮކްޓަރެއްގެ ގޮތުގައި އަދާކުރަން ޖެހިފައި އޮތް ޒިންމާ އަދާކުރާށެވެ. ނަމަވެސް މާބަނޑު މީހަކު ފްލައިޓެއް ތެރޭގައި ވިއްސުމުގައި ބައިވެރިވެވިދާނެ ކަމަކަށް އޭރުވެސް ޑޮކްޓަރުގެ ހިތަކަށް ނާރައެވެ.

ޑރ.އައިޝާ ހާއްސަވެފައި ވަނީ ވެސް ދަތުރުތަކުގައި ދިމާވާ އެކިކަހަލަ ސިއްހީ ކަންކަމަށް ފަރުވާ ދޭށެވެ. އޭނާ މާބަނޑު މީހާ އާއި ހަމައަށް ދިޔައިރު މާބަނޑު މީހާ އޮތީ ފައިކޮޅު ފްލައިޓްގެ ކުޑަދޮރާއި ދިމާވާގޮތައް ތިން ސީޓްގައި އޮށޯއްވެގެންނެވެ. އޭރު ވިހެއުމަށް ބަނޑުގައި ރިއްސަމުން ދިޔައެވެ.

ޤަތަރު އެއާވޭސް އަކީ ވެސް އެފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެފައި އޮންނަ އެއާލައިނެކެވެ. އެހެންކަމުން މާބަނޑު މީހަކު ވިއްސުމަށް ކޮންމެހެން ބޭނުންވާ ބައެއް ތަކެތި ފްލައިޓްގައި ހުއްޓެވެ. އަދި ކެބިންކްރޫންނަށް ވެސް ވަނީ އެފަދަ ހާލަތެއްގައި ކޮންމެހެން ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައެވެ.

އެހެންކަމުން ޑރ.އައިޝާ އަށް މާބޮޑު ދަތިކަމެއް ނެތި މާބަނޑު މީހާ ވިއްސިއްޖެއެވެ. ލިބުނީ އަންހެން ކުއްޖެކެވެ. "ވިހެއުމާއިއެކު އަހަރެން ބުނިން މަރުހަބޭއޭ. އަންހެން ކުއްޖެކޭ ލިބުނީ. އެއާއިއެކު ފްލައިޓް ތެރޭގައި އަތްތިލަބަޑި ޖެހި. އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް." ޑރ.އައިޝާ ބުންޏެވެ.

ދެމައިންނަށް ވެސް އިތުރު ސިއްހީ މައްސަލައެއް ދިމާނުވެ ފްލައިޓް ކުރިން ވެސް ދަތުރު ކުރަން ހަމަޖެހިފައި އޮތް މަންޒިލަށް ދެވުނެވެ.

ފްލައިޓްގައި ކުއްޖަކު ލިބުނު އަންހެން މީހާ ވަނީ ޑރ.އައިޝާ ދިން އެހީތެރިކަން ފާހަގަކޮށް އޭނާގެ ދަރިފުޅުގެ ނަމަކަށް އައިޝާ ކިޔާފައެވެ.

ފްލައިޓް ތެރޭގައި މީހުން ވިހުމަކީ ވަރަށް ނާދިރު ކަމެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިފަދަ ކަމެއް ދިމާވަނީ ކޮންމެ 26 މިލިއަނަކުން އެއްފަހަރު އެވެ.

ޤަތަރު އެއާވޭސް އިން ވެސް ވަނީ އެއެއާލައިންގެ ފްލައިޓެއް 35000 ފޫޓް މަތިން ދަތުރު ކުރަމުން ދަނިކޮށް މީހަކު ވިހާފައިވާކަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲގެ ކުޅަދުންވަންތަވެރިކަމާއެވެ. ކޮންމެގޮތެއްވިޔަސް ގައިނީ ޑޮކްޓަރެއްގެ ފަރާތުންވިޔަސް މާބަނޑުމީހާގެ ފަހު ޓްރިމެސްޓާގައި ފްލައިޓަށް އެރޭގޮތަށް މަގުފަހިކޮށްދެވިގެން އޭނައަށް ޕްލައިޓަށް އެރޭނީ،