ޓެކްނޮލޮޖީ އަކީ ކުރިއާއި އަޅާ ބަލާއިރު، ދުވަހަކު ވެސް ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއްޗަކަށް ވާއިރު، ރެސްޓޯރެންޓްތައް ވެސް މިހާރު ވަނީ ރޮބޮޓްތައް ބޭނުން ކޮށް އެމީހުންގެ މަސައްކަތް ހަލުވިކޮށްފައެވެ.

ހަލުވި ކަމާއި އެކީ ކުރިއަރަމުން އަންނަ ކުރިއެރުންތަކުގެ މާނައަކީ އާޓިފިޝަލް އިންޓެލިޖެންސް ފަސޭހައިން ލިބެން ހުރުމެވެ. އެހެން ކަމުން ރެސްޓޯރެންޓްތަކުގައި މިފަދަ ރޮބޮޓްތައް ބޭނުން ކުރުން އާންމު ވެސް ވެދާނެއެވެ.

ރެސްޓޯރެންޓްތަކުގައި މިފަދަ ރޮބޮޓްތައް ބޭނުން ކުރަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކަށް މިހާރު ވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ގިނަ ރެސްޓޯރެންޓްތައް ބަންދު ކުރުން ނުވަތަ މުވައްޒަފުން މަދު ކުރުމުންނެވެ.

އެގޮތުން މިފަދަ ރޮބޮޓްތައް ބޭނުން ކުރާ އެއް ރެސްޓޯރެންޓަކަށް މިހާރު ފާހަގަ ވެފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ޗައިނީސް ރެސްޓޯރެންޓެކެވެ. އެތަނުގައި ރޮބޮޓުން ބޭނުން ކުރަން ފަށާފައިވަނީ ކޮވިޑާއި ގުޅިގެން މުވައްޒަފުން މަދުވުމުގެ ސަބަބުންނެވެ.

އެރެސްޓޯރެންޓް ތަކަށްދާ ފަރާތްތަކުން އޮންލައިންކޮށް ކާ އެއްޗަކަށް އޯޑަރު ކުރުމުން މޭޒާއި ހަމައަށް އެތަކެތި ގެނެސްދެނީ ރޮބޮޓުންނެވެ. މިގޮތަށް ހެދުމުން ބުފޭ އިން ކާން ބޭނުންވާ ފަރާތްތަކަށް ވެސް އެތަނަށް ކައިރި ނުވެ ބޭނުންވާ ތަކެތި މޭޒާއި ހަމައަށް ގެނެސްލެވޭނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ރެސްޓޯރެންޓްގައި ބޭނުން ކުރާ ރޮބޮޓްތަކަކީ ގާތްގަނޑަކަށް 20،000 އެމެރިކާ ޑޮލަރުގެ އަގު ހުރި ރޮބޮޓްތަކެވެ.