އަވަށްޓެރި އިންޑިޔާގައި، ސިއްހީ ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރާ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. މިއީ ކޮންމެ މީހަކުވެސް ބޭނުންވާ ޒަރޫރީ ހިދުމަތެއްކަމަށްވާއިރު، މިކަމުގައި މުއްސަނދިންނާއި ފަގީރުންގެ މެދުގައި ތަފާތު ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް، ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހަމައެހެންމެ، މިކަމުގެ ވާހަކަ ގިނައިން ދެއްކި ކަމުގައިވިޔަސް، މިކަން ހައްލުވަމުން ނުދާކަމަށްވެސް ގިނަ ފަރާތްތަކުން ބުނަމުންދެއެވެ.

އެގޮތުން، އެޤައުމުގެ ސަރަޙައްދެއްގައި ދާދިފަހުންވެސް ވަނީ މިފަދަ ކަމެއް ހިނގާފައެވެ. ހޮސްޕިޓަލަކުން، ރަށްފުށު ސަރަހައްދަށް ނިސްބަތްވާ މީހާއަށް އެމްބިއުލާންސެއް ފޯރުކޮށް ނުދެވުމުން، އެތައް ތަކުލީފެއް އުފުލަން، މީހަކަށް މަޖުބޫރުވިއެވެ.

އިންޑިޔާގެ މަދްޔަ ޕްރަދޭޝްގައި ދާދިފަހުން މީހަކުވަނީ އޭނާގެ މަންމަގެ ފުރާނަ ނެތް މަސްގަނޑު، ސައިކަލުގައި އައްސައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އާއިލާގެ އެހެން މެންބަރުންގެވެސް އެހީތެރިކަމާއެކު، މި ދަރިފުޅު އޭނާގެ މަންމަގެ ހަށިގަނޑު އައްސައިގެން ގެންދިޔައިރު، މިކަމަށް 35 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ކަޑައްތު ކުރަން ޖެހުނެވެ.

ރަޖޭޝް ނަމަކަށް ކިޔާ މީހަކު އޭނާގެ މަންމަ މި ގޮތަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާގެ މަންމަ މަރުވީ ހަރުފަ ވިހަލުމާ ގުޅިގެންނެވެ. އެސަރަޙައްދުގައި ހުންނަ ޞިއްޙީ މަރުކަޒަށް ދެއްކުމުން، އޭނާ މަރުވިކަމަށް ކަނޑައެޅިއެވެ. އެހެންނަމަވެސް، އިތުރަށް ކަންތައްތަކެއް ބަލައި، ފުލުހުން ޕޯސްޓް މޯޓަމް ހަދަން ބޭނުންވާތީ ހޮސްޕިޓަލަށް ގެންދިޔުމަށް އެދުނެވެ.

މިކަން މިހާރު އެސަރަޙައްދުގައި ހުންނަ ސަރުކާރުގެ އެންމެ އިސް އޮފިޝަލުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި، މަރުވެފައިވާ މީހަކު އުފުލުމަށް ހޮސްޕިޓަލުން އެމްބިއުލާންސެއް ފޯރުކޮށް ނުދިން މައްސަލަ، ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އޭނާވަނީ އަންގާފައެވެ.

މީގެ އެތައް މައްސަލައެއް، އެޤައުމުން ފެންމަތިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެޓޭ

    އިންޑިއާގެ "ފޫކޮޅުގަ އޮންނަ ގުއިފޯލި" އިންޑިއާ އަކަށް ނުފެނެޔޭ! އަބަދުވެސް މިރާއްޖޭގެ ބެހިގަނެގެން އުޅެނީ!