ސްޓްރީމިން ހިދުމަތްތަކުގެ ޓްރެކް ހިފެހެއްޓުމަކީ އުނދަގޫ ކަމެކެވެ. މިހާރު އާންމު ދިރިއުޅުމުގައި މުނިފޫހިފިލުވުމަށާއި އެހެނިހެން ކަންކަމުގައި ފަސޭހައަކަށް ސަބްސްކްރައިބްކޮށްގެން ވަރަށް ގިނަ އެޕްލިކޭޝަންތައް ބޭނުންކުރެއެވެ. މީގެ ތެރެއިން ގަވައިދުން މަދުފަހަރަކު ބޭނުންކުރާ އެޕްލިކޭޝަންތަކާއި އަބަދުވެސް ކޮންމެ ދުވަހަކު ބޭނުންކުރާ އެޕްލިކޭޝަންތައް ހިމެނެއެވެ.

ގަވައިދުން ގިނަބަޔަކު ބޭނުންކުރާ އެއް އެޕްލިކޭޝަން އަކީ ނެޓްފްލިކްސްއެވެ. ދާދިފަހުން އެ ކުންފުނިން މިވަނީ އޭގެ ސަބްސްކްރިޕްޝަން އަގުބޮޑުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ތަފާތު އެކި ވައްތަރުގެ ފިލްމާއި ސީރީސްތައް، ޑޮކިއުމެންޓްރީ އަދި ގޭމުކުޅުމަށްވެސް ބޭނުންކުރާ މި އެޕްލިކޭޝަންގެ އަގުތައް އަބަދުވެސް އުފުލިފައި ދަށްކުރެއެވެ. މިއީ ގިނަ މީހުންނަށް ދަތިކަމަކަށްވި ނަމަވެސް ކުންފުންޏަށް ލިބޭ ގެއްލުމުން ސަލާމަތްވުމަށް ކުންފުންޏަށް މިކަން ކުރަން މަޖުބޫރުވެއެވެ.

ފާއިތުވި އަހަރުގައި އެތައްފަހަރެއްގެ މަތިން ނެޓްފްލިކްސް އިން އެ ކުންފުނީގެ ފީތައް އުފުލިއެވެ. މިހިނގާ 2022 ވަނަ އަހަރުވެސް ނެޓްފްލިކްސް އިން މިވަނީ އެގޮތަށް ދެ ގައުމެއްގައި ސަބްސްކްރިޕްޝަންގެ އަގު އުފުލައިފައެވެ. އެގޮތުން މިފަހަރު އަގުއުފުލާފައި މިވަނީ އެމެރިކާ އާއި ކެނެޑާގައި މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ އަތުންނެވެ.

ނެޓްފްލިކްސްގެ ތަރުޖަމާނަކު ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ އެ ކުންފުނީގެ ހިދުމަތުގެ އަގުތައް އަޕްޑޭޓް ކުރަމުން މިދަނީ ކޮލިޓީ މުނިފޫހިފިލުވުމުގެ ތަފާތު އޮޕްޝަންތައް އަދިވެސް ދެމުން ގެންދިޔުމަށްޓަކައެވެ. އަދި އަބަދުވެސް އެ ކުންފުނިން ތަފާތު ޕްލޭންތައް ހުށަހަޅަމުން މިދަނީ މެންބަރުންނަށް އެބޭފުޅުންގެ ބަޖެޓަށް މަސައްކަތް ކުރާ އަގެއް ނެގޭގޮތް ހެދުމަށް ކަމަށް އޭނާ ބުންޏެވެ.

ސަބްސްކްރިޕްޝަން އަގުބޮޑުކުރާނީ މިހާރު ދައްކާ އަގަށްވުރެ އެކެއް ނުވަތަ ދެ ޑޮލަރަށް އިތުރުކޮށެވެ.