ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ބޭނުންކުރަމުން އަންނަ މަޝްހޫރު މީސް މީޑިޔާގެ އެޕްލިކޭޝަނެއްކަމަށްވާ "ސްނެޕްޗެޓް" ބޭނުންކުރުމުގައި ރެއިން ފެށިގެން ދަތިތަކެއް ކުރިމަތިވަމުން އެބަދެއެވެ.

ސްނެޕްޗެޓް އިން ރޭ، މީސް މީޑިޔާގައި އާއްމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެ އެޕްލިކޭޝަން ބޭނުންކުރުމުގައި، ބައެއް ދަތިތަކެއް ކުރިމަތިވާކަން އެނގޭކަމަށާއި އަދި ބައެއް ފަރާތްތަކަށް، މި އެޕްލިކޭޝަން ކްރޭޝް ވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ. އެހެންކަމުން، މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސްނެޕްޗެޓް އިން ބުނެފައިވެއެވެ.

"ސްނެޕްޗެޓު ބޭނުންކުރުމުގައި ގިނަ ފަރާތްތަކަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އަހަރުމެންނަށް އެނގޭ. އަހަރުމެން މިދަނީ އެކަން ބަލާ، މައްސަލަ ހައްލުކުރަމުން." މީސް މީޑިޔާގެ އެހެން ވަސީލަތެއްގައި ސްނެޕްޗެޓް އިން ބުނެފައިވެއެވެ.

އެހެންނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރެވޭނީ ކޮން އިރަކުންކަމެއް، ސްނެޕްޗެޓުން ހާމަކޮށްފައި ނުވެއެވެ.

އެކުންފުނިން މިހެން ބުނެފައިވަނީ، އެޕްލިކޭޝަން ކްރޭޝްވެ، ބޭނުން ނުކުރެވެމުންދާތީ ބައެއް ކަސްޓަމަރުން ނުރުހުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކަށް މިއީ ކިހިނެއްވާކަމެއްކަން އެނގިފައި ނުވާއިރު، ބައެއް ފަރާތްތަކުންވަނީ "ސްޓްރީކް" ގެއްލިދާނެތީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ އިނގިރޭސިވިލާތާއި ޔޫރަޕުގެ އެހެން ސަރަހައްދުތައް، އިންޑިޔާ އަދި އެމެރިކާއިންނެވެ. މި މައްސަލަ، ރާއްޖޭގައި ސްނެޕްޗެޓު ބޭނުންކުރާ ބައެއް ފަރާތްތަކަށްވެސް ކުރިމަތިވެފައިވާއިރު، މިހާރު ބައެއް ފަރާތްތަކަށް މައްސަލަ ހައްލުކުރެވިފައިވެސްވެއެވެ.

މީގެކުރިން މި އަހަރުގެ މާރިޗު މަހުގެ ތެރޭގައިވެސް ސްނެޕްޗެޓް ބޭނުންކުރުމަށް ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އޭރު ބައެއް ފަރާތްތަކަށް ސްނެޕް ނުކުރެވޭއިރު، އެހެން ބައެއް ފަރާތްތަކަށް އެހެން މީހުން ކުރާ ސްނެޕް ނުލިބެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްނެޕްޗެޓް އިތުރަށް ތަރައްޤީ ކުރުމަށް، މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.