ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅެން ފަށާ ހިސާބުން ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ބައިވެރިއަކާ ހިއްސާ ކުރާ ކަންތައް ތަކެވެ. އެމީހެއްގެ ގައިގައި ހަރުލާފައި ހުންނަ ކަމު ނުދާ ނުބައި ސިފަތަކާއި ކެއްކުމުގައި ބޭނުން ކުރާ އުކުޅުތަކާއި ހިއްސާ ކުރެއެވެ. ނަމަވެސް ގެން ގުޅޭ ފޯނު ލޮކް ކުރަން ބޭނުން ކުރާ ސިއްރު ޕާސްވޯޑް ބައިވެރިއާއާއި ހިއްސާ ކުރަން ހެއްޔެވެ؟. އެކަން ކުރާނަމަ އަވަހަށް ހުއްޓާލާށެވެ. އަވަހަށް ޕާސްވޯޑް ބަދަލު ކޮށްލާށެވެ. ސަބަބުތައް ބައިވަރެވެ.

އެގޮތުން ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކޮށް އެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އިތުބާރަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން އެ އިތުބާރު އަބަދުވެސް އޮންނަން ވާނެއެވެ. އޭގެ މާނައަކީ ހުރިހާ އެއްޗެއްގެ ޕާސްވޯޑް ދިނުމެއް ނޫނެވެ. މި ޕާސްވޯޑް ހިއްސާ ކުރުމުގެ ސަބަބުން ތިމާއަށް ބޮޑު ގެއްލުމެެއްވެސް ލިބިދާނެެެއެވެ. ޕާސްވޯޑް މީހަކަށް އެނގުމާއި އެކު ގިނަ ފަހަރަށް އޭގެ ނާޖާއިޒް ފާއިދާ ނަގައި އޭގެއިން ކުރެވެން އޮންނަ ހުރިހާ ނުބައި ކަންތަކެއް ކުރަން ފަށާ މީހުންވެސް މަދެއް ނޫންތާއެވެ.

މީގެ އިތުރުން ތިމާގެ ފޯނުގައި ހުންނަ އިތުރު އެެއްޗެއްސާއި ހަޔާތުގެ ބައިވެރިޔާއަށް ނުވަތަ ލޯބިވެރިޔާއަށް އެނގެން ނުޖެހޭ އާއިލީ ކަންކަމުގެ ވާހަކަތައްވެސް މި ޕާސްވޯޑްގެ ސަބަބުން އެނގެއެވެ. މިއީ ފޭސްބުކް ވިޔަސް ނޫނީ އެހެން ޕްލެޓްފޯމެއްގެ ޕާސްވޯޑް ވިޔަސް މެއެވެ. އެހެންކަމުން ދެމީހުން ގުޅުން ވަކިވެގެން ދާއިރު އާއިލާ ތެރެގައި އޮންނަ ކުނުބުނީގެ މައްސަލަތައް ނޫނީ އެނގެން ނުޖެހޭ އެތައް ވާހަކައެއް އެތައް ބަޔަކަށް އެނގޭ ހިސާބަށް ދެއެވެ. އެހެންކަމުން މިއީ ކުރަން ރަނގަޅު ކަމެއް ނޫންކަން މިހާހިސާބުންވެސް އިހުސާސްވާން ޖެހެއެވެ.

މީގެ އިތުރުން ގުޅުމެއް ކެނޑި ހިތް ހަލާކު ވެފައިވާ މީހާ އަކީ އަނެއް މީހާއަށް ކޮންމެ ފަދަ ގެއްލުމެއް ލިބުނަސް އެކަމަކާއި މެދު އެއްވެސް ވަރަކަށް ވިސްނާނެ މީހެއް ނޫނެވެ. ގިނަ ގުޅުން ތަކަކީ އިތުބާރު ނުކުރެވި އެކަކު އަނެކަކު ކުރާ ކަންތައްތައް ސިއްރުން ބަލައި އެކި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ގުޅުންތަކެވެ. ބައިވެރިޔާ ނުހުންނަ ގަޑިތަކުގައި އެމީހެއްގެ އީމެލް ނުވަތަ ފޯނުގައި ހުންނަ އެއްޗެހި އެއްކޮޅުން އަނެއް ކޮޅަށް ހާވާލާ ނުބައި މާނަތައް ނަގައިގެން އެކަމަކުން ކޮންމެވެސް ނުބައި އަމަލެއް ހިންގާ ފަހަރު އާދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 30 އިންސައްތަ މީހުންނަކީ ބައިވެރިޔާގެ ޕާސްވޯޑް ދަންނަ މީހުން އެމީހުންގެ ލޯބިވާ މީހުންނަށް ނޭނގި އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ މީހުންނެވެ. މި ސަބަބާއި ހުރެ ތިމަ ގެންގުޅޭ ޕާސްވޯޑް އެހެން މީހުންނާ ހިއްސާ ކުރުން ބުއްދިވެރިއެއް ނޫން ކަން ހާމަވޭތާއެވެ.

އެ ދިރާސާގައި ބައިވެރިވި 65 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ ކުރީގެ ބައިވެރިޔާ އަކަށް އެއްވެސް ވަރަކަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށެވެ. އަދި އެގުޅުމާއި ވަކިވެގެން ދިއުމާއި އެކު ޕާސްވޯޑްތައްވެސް ބަދަލު ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އެމީހުން ބުނާ ގޮތުގައި މިގޮތަށް ޕާސްވޯޑް ބަދަލު ކޮށްފައިވަނީ ގުޅުން ކެނޑިގެން ދިއުމާއި އެކު ދިމާވެގެންދާނެ އެކި އެކި މައްސަލަ ތަކުން ދުރުވެ އެފަދަ ކަންތަކުން ސަލާމަތް ވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުމާ

    ފިންގާރ ޕްރިންޓް ވެސް އިންނާނީ ސެޓުކޮއްފަ... މަށަށް ހެޔޮ ބަލައިގެން ނާޖާއިޒު ފައިދާ ނެގިއަސް.

    12
    3
  2. Anonymous

    ދިވެހި އަނބިންނާއި ދިވެހި ފިރިންނަކީ ވަރަށް އަވަހަށް ވަރިވާ ބަޔެއް. ތިން ހަތަރު ދަރިން ލިބޭ ފަހުން ވެސް އެހެން މީހަކާ ހެދި މޮޔަވެދާނެ. ވަކިވެގެންދާއިރު ދާއިރު ދާނީ ބޭންކުގައި އޮންނަ އެކައުންޓް ވެސް ދޮވެލައިގެން. މިއިން ކަމަކުން ސަލާމަތްވެވޭނެ ޤާނޫނެއް ޤަވާޢިދެއް މިރާއްޖެއަކު ނެތް. ކާވެނިކުރާއިރު ދެމީހުންގެ ހައްގުތަކަކީ ކޮބައިކަން އެނގޭނެ އެއްބަސްވުމެއް ހަދަން އެބަޖެހޭ. މިހާރު މިފެންނަނީ ވަރިވެގެންދާއިރު ދެމަފިރިންކުރެ އެކެއްގެ ހައްގުތައް އަނެކަކު ފޭރިގަންނަތަން. މިއީ ވަރަށް ދެރަ ކަމެއް.

    11