ރަޝިޔާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ފޯރީގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި މީހުން ދަނީ ބައިވެރިވަމުންނެވެ. ރާއްޖޭގައި ދިވެހިން، މި މުބާރާތުގެ ފޯރިއާއި މަޖަލުގައި މަސްއޫލުވެ އުޅޢ ބީދައިން، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް، މި ފޯރިއާއި ޖޯޝުގައި، ވޯލްޑް ކަޕުގެ މެޗުތައް ބެލުމުގެ ކަންތައްތައް ދަނީ ކުރަމުންނެވެ.

ދާދިފަހުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެންމެ ތަފާތު ފޮޓޯއަކީ، ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް އެންމެ ވަރުގަދަ، އަމީތާބް ބައްޗަން އާއި އޭނާގެ ދަރިފުޅު، އަބީޝެކް ބައްޗަން، ވޯލްޑް ކަޕް ބަލަން ގޮސް ނަގާފައިވާ ފޮޓޯއެވެ.

މި ފޮޓޯވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގެ ފޭނުންނަށާއި މި ދެ މީހުންގެ ފޭނުންނަށްވެސް ޚާއްޞަ އަދި ތަފާތު ފޮޓޯއަކަށެވެ.

އަބީޝެކްގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މި ފޮޓޯ އާއްމުކޮށްފައިވާއިރު، އެމީހުން ބަލަން ގޮސްފައިވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗެވެ. ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރި މި މެޗު ކުރިއަށް ދިޔައީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާގް ގައި ހުންނަ ޒެނިޓް އެރީނާގައެވެ.

މި ދެ ވަރުގަދަ ފަންނާނުން ނަގާފައިވާ ފޮޓޯ، އިންސްޓަގްރަމްގައި އާއްމުކޮށްފައިވަނީ މެޗު ނިމުމުންނެވެ. އަދި، މެޗުން މޮޅުވި ފްރާންސްގެ ޓީމަށް، އެ އިންސްޓަގްރަމް ޕޯސްޓުގައި މަރުޙަބާ ކިޔާފައިވެސްވެއެވެ.

އަމީތާބް އާއި އަބީޝެކް އަކީ މީގެކުރިން އެއް ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްފައިވާ ދެ ފަންނާނުންނެވެ. އެގޮތުން، މި ދެބަފައިން އެކުގައި ސްކްރީނުން ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި، އެދުވަސްވަރު އެންމެ ކާމިޔާބުވި ފިލްމުތައްވެސް ހިމެނެއެވެ. ވަކި ވަކި ފިލްމުތަކަށް ބަލާކަމުގައިވާނަމަ "ޕާ" އަދި "ބަންޓީ އެންޑް ބަބްލީ" ފާހަގަކޮށްލެވެއެވެ.