އަވަށްޓެރި އިންޑިއާގެ ޓެމިލް ނާޑޫއަށް އުފަން ދެމަފިރިއަކު މެޓަވާސްގައި އެމީހުންގެ ކައިވެނި ހަފްލާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ދިނޭޝް އެސް ޕީ އާއި ޖަނަގަނަންދިނީ ރާމަސުވާމީ ކައިވެނި ކުރަން ނިންމާފައި ވަނީ ފެބްރުއަރީ މަހުއެވެ. މި ކައިވެނި ބޭއްވުމަށް ހަމަޖެހިފައި ވަނޫ ސިވަލިންގަޕޫރަމް ވިލެޖުގައި ކަމަށްވީނަމަވެސް އެމީހުންގެ ކައިވެނި ހަފްލާ އޮންނާނީ ޑިޖިޓަލްކޮށެވެ.

މި ދެމަފިރިންގެ ކައިވެންޏަށްފަހު ހަފްލާއަށް މި ދެމަފިރިން ލެޕްޓޮޕް މެދުވެރިކޮށް ހޮގްވާޑްސް ތީމް ކޮށްފައިވާ ރިސެޕްޝަނަށް ވާޗުއަލް ވެނިއުއަކަށް ވަނުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މި މީހުންގެ ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުން ބައިވެރިވާނެއެވެ.

ދިނޭޝް މިފަދަ ހިޔާލެއް ފުރަތަމަ ކުރުމުން މި ހިޔާލަށް އޭނާގެ ވާންއުޅޭ އަނބިމީހާވެސް އެއްބަސްވިކަމަށް އޭނާ ބުންޏެވެ. ދިނޭޝް މަސައްކަތް ކުރަނީވެސް ޓެކް ދާއިރާގައިއެވެ.

މެޓަވާސް އަކީ ވާޗުއަލް ރިއަލިޓީ ދުނިޔެއެއް ކަމަށްވާއިރު، މި ދުނިޔެ ބޭނުން ކުރާ ފަރާތްތަކަށް ޑިޖިޓަލް އެވަޓާސް މެދުވެރިކޮށް 'ލައިވް' ކޮށް، އެހެން މީހުންނާ މުއާމަލާތް ކުރެވޭނެއެވެ. އެއީ އޮގްމެންޓެޑް ރިއަލިޓީ، ބްލޮކްޗެއިން އަދި ވާޗުއަލް ރިއަލިޓީ ފަދަ ޓެކްނޮލޮޖީގެ ގިނަ އެލެމެންޓްތަކެއް އެއްކޮށްގެންނެވެ.

ވާޗުއަލް ރިސެޕްޝަންގައި ތިބޭ ގެސްޓުންނަށް ބްރައިޑް އާއި ގްރޫމްއާ މުއާމަލާތް ކުރުމުގެ އިތުރުން މެޓަވާސް މެދުވެރިކޮށް ކައިވެނި ހަދިޔާތައް ވެސް ލިބޭނެ ކަމަށް ދިނޭޝް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު