ބޮލީވުޑްގެ ވަރުގަދަ ދެ ބަތަލުން ކަމުގައިވާ ސަލްމާން ޚާނާއި ޝާހުރުކް ޚާންގެ ކުރިއަށް އޮތް ފިލްމުތަކުގެ ޝޫޓިންތައް އަނެއްކާ ވެސް ހުއްޓިއްޖެއެވެ.

ޝާހުރުކް ޚާންގެ ފިލުމު ''ޕަތަން'' އަކީ ދެ އަހަރު ދުވަހު ފިލުމު ކުޅުމާއި ދުރުގައި ހުރުމަށް ފަހު ޝާހު ކުޅޭ ފުރަތަމަ ފިލުމެވެ. މި ފިލުމަކީ ޝާހުގެ ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދާ ފިލުމެކެވެ.

ނަމަވެސް ފިލުމުގެ ޝޫޓިން ފެށިތާ މާގިނަ ދުވަހެއް ނުވަނީސް ޝާހުގެ ދަރިފުޅު އާރްޔާން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމާ ގުޅިގެން މިދިޔަ އަހަރު އޮކްޓޫބަރު މަހު ފިލުމުގެ ޝޫޓިން މެދުކެނޑުނެވެ.

އެއަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަނެއްކާ ވެސް ޝޫޓިން ފެށި ނަމަވެސް އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ މި ފިލުމުގެ ޝޫޓިން ހުއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގިނަ ބައެއްގެ މަގުބޫލު ފިލުމު ސީކުއަލް "ޓައިގާ 3" ގެ ފިލުމުގެ ޝޫޓިންތައް ވެސް ވަނީ ހުއްޓިފައި ކަމަށް ރިޕޯޓް ތަކުގައިވެއެވެ. ސަލްމާން ޚާންގެ މި ފިލުމުގެ ޝޫޓިން ހުއްޓުމަކަށް އައީ އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވުމުންނެވެ.

މި ފިލުމަކީ ބޮޑު ޓީމެއް ބޭނުންވާ ފިލުމަކަށް ވާތީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މި ފިލުމުގެ ޝޫޓިން ވަނީ މަޑުޖައްސާލައިފައެވެ.

ޝާހުރުކް ޚާންގެ ފިލުމު ''ޕަތަން'' ގައި ސަލްމާން ޚާން ހާއްސަ ފެނިލުމެއް ފެންނާނެ ކަމަށާއި ސަލްމާން ޚާންގެ ފިލުމު ''ޓައިގާ 3'' އިން ޝާހުރުކް ޚާންގެ ހާއްސަ ފެނިލުމެއް ފެންނާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު