ފޯނާ ކުޅެމުން އެއްގަމު އުޅަނދު ފަހަރު ދުއްވުމަކީ މިއަދު ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް އާއްމުވެފައިވާ ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާކަމަށާއި، އެފަދަ އެކްސިޑެންޓުތައް އިތުރުވަމުންދާކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.

މިފަދަ ކަންކަމަކީ ހަމައެކަނި މީހުން ކައިރިއަށް ގޮސްގެން ވާހަކަ ދައްކައިގެން ނުވަތަ ހޭލުންތެރިކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށް، ކަމުގެ މާހިރުންވެސް އަންނަނީ ގަބޫލު ކުރަމުންނެވެ. އެހެންކަމުން، އެހެން އުކުޅުތައް ބޭނުންކޮށްގެން، މި މައްސަލަ ހައްލުކުރުމަށް އެފަރާތްތަކުންވެސް ވަނީ އަމާޒު ހިފާފައެވެ.

އެގޮތުން، މަގުމަތިން ދުއްވާފައި ދާއިރު، ފޯނު ބޭނުންކުރާނަމަ، އެކަން އާއްމުކޮށް ފެންނަން ހުންނަ ބޯޑެއް ޓެސްޓުކުރުުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އިނގިރޭސިވިލާތުގެ ނޯވިޗް ސިޓީގައި މި ބޯޑު ޓެސްޓުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ކާރުގައި ފޯނު ބޭނުންކުރާނަމަ، ކާރުގައި ހުންނަ ވަސީލަތަކުން، މަގުމަތީގައި ހުންނަ ބޯޑަކަށް އެނގިގެންދާނެއެވެ. އަދި، ވަގުތުން މި ބޯޑު ދިއްލޭނެއެވެ. ބޯޑު ދިއްލުމުން، މަގުމަތީގައި އެވަގުތު ތިބޭ އެހެން ފަރާތްތަކަށްވެސް، ބޯޑު ކައިރިން ދުއްވާފައި ދިޔަ ކާރުގައި، މީހަކު ފޯނު ބޭނުންކުރާކަން ދެނެގަނެވޭނެއެވެ.

މި ޓެކްނޮލޮޖީ ޓެސްޓުކުރަން ފަށާފައިވީނަމަވެސް، މީގައި އަދިވެސް މައްސަލަތަކެއް އުޅޭކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން، ކާރު ތެރޭގައި ފޯނު ބޭނުންކުރަނީ ޑްރައިވަރު ކަމެއް ނުވަތަ އެހެން ފަސިންޖަރަކު ކަމެއް ނޭނގޭނެއެވެ. ފަސިންޖަރަކު ފޯނު ބޭނުންކުރި ކަމުގައިވިޔަސް، ބޯޑުން ދިއްލޭނެއެވެ.

ހަމައެހެންމެ، މިއީ ވަރަށް އަގުބޮޑު ޓެކްނޮލޮޖީއެއްކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން، މިފަދަ އެންމެ ބޯޑެއްވެސް އުފެއްދެނީ 8000 އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ކަމަށްވާއިރު، ބޮޑު ސިޓީއެއް މިފަދަ ބޯޑުން ކަވަރުކުރުން ވާނީ ވަރަށް ދަތިކަމަކަށެވެ.