ބޮލީވުޑުގެ ބަތަލާ ކެޓްރީނާ ކެއިފުއާއި އެކު ފިލުމެއްގައި މަސައްކަތް ކުރަން ބޭނުން ނަމަ ރިތިކް ރޯޝަންގެ ހަށިގަނޑު ފަދަ ފިޓް ހަށިގަނޑެއް ބޭނުންވާ ކަމަށް އާރް މާދަވަން ބުނެފިއެވެ.

ފިލުމު ''ރެހެނާހޭ ތެރޭ ދިލްމޭ'' އިން ބޮލީވުޑަށް ތަޢާރަފްވި މާދަވަންއަކީ ހަށިގަނޑު ފަލަކޮށް ހުންނަ ފަންނާނެކެވެ. ނަމަވެސް މި ފިލުމުގައި މާދަވަން ކުޅެފައިވާ ''މެޑީ'' ގެ ރޯލުން އޭނާއަށް އެތައް ބައެއްގެ ލޯބި ލިބުނެވެ.

އެކްޝަން ފިލުމުތަކުގައި މަސައްކަތް ކުރަން ނުލިބުނު ނަމަވެސް އިމޯޝަނަލް ކެރެކްޓަރތައް ދައްކުވައިދިނުމުގައި މާދަވަންއަކީ ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ.

ހިންދުސްތާން ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި މާދަވަން ބުނެފައިވަނީ މިހާރު އޭނާގެ ހަށިގަނޑު ފިޓްކޮށް ބަހައްޓަން ބޭނުންވާ ކަމަށެވެ.

ހަށިގަނޑު ފިޓްކޮށްލަން ބޭނުންވަނީ ކެޓްރީނާއާއި އެކު ފިލުމެއް ކުޅެލެވޭ މިންވަރަށް ކަމަށް ވެސް މާދަވަން ބުނެފައިވެއެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން މާދަވަން ބުނެފައިވަނީ ރިތިކްއާއި އޭނާގެ ކެރިއަރ ފެށުނީ އެކުގައި ކަމަށާއި އެއިރު ވެސް އަދި މިހާރު ވެސް ރިތިކްއަކީ އެކްޝަން ފިލުމުތަކުގައި މަސައްކަތް ކުރާ އެހާމެ ފިޓް މީހެއް ކަމަށެވެ.

އަދި ކެޓްރީނާއާއި އެކު ފިލުމެއް ކުޅެން ބޭނުން ނަމަ ރިތިކްގެ ހަށިގަނޑުހައި އޭނާ ހަށިގަނޑު ވެސް ފިޓް ކުރަން ޖެހޭނެ ކަމަށް މާދަވަން ފާހަގަ ކޮށްފައިވެއެވެ.

މާދަވަންގެ މި ބުނުމަށް އޭނާގެ ސަޕޯޓަރުން ބުނެފައިވަނީ އޭނާގެ ހަށިގަނޑު ފަލަކޮށް ހުރި ނަމަވެސް އޭނާއެކު އެކު ފިލުމު ކުޅުމަށް ކެޓްރީނާ ބޭނުންވާނެ ކަމަށެވެ.

މާދަވަންއަކީ ''3 އީޑިއަޓްސް'' ފަދަ ކާމިޔާބު ފިލުމުތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ.