އަންހެން ދަރީންނަކީ އާއިލާގެ އެންމެންގެ ވެސް ލޯބި ވަރަށް ބޮޑަށް ލިބޭ ދަރިންނެވެ. އަންހެން ދަރިން ކައިވެނި ކުރާ ފިރިހެނުންނަށް ވެސް އެ ލޯތްބާއި އިއްޒަތް ދޭ އާއިލާތައް ވެސް ވަރަށް ގިނައެވެ.

އިންޑިއާ ފަދަ މުނާސަބަތުތައް ކުލަ ގަދަކޮށް ފާހަގަ ކުރާ ގައުމުތަކުގައި އަންހެން ދަރިފުޅު އިނދެގެން އުޅޭ ފިރިހެން ކުއްޖާއަށް ހާއްސަ މެހެމާންދާރީއެއް އަދާކުރެއެވެ.

މިގޮތުން ދަނބިދަރި ގެއަށް އައުމުން އޭނާއަށް މަރުހަބާ ކިޔުމާއި އޭނާގެ ޝަރަފުގައި ތަފާތު ކަންތައްތައް ކުރެއެވެ.

މިގޮތުން އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ އާއިލާއަކުން އަންހެން ދަރިފުޅު ކައިވެނި ކުރި ފިރިހެން މީހާ އަށް މެހުމާންދާރީ އަދާކޮށް މަރުހަބާ ކިއީ ބޮޑު ކެއުމަކުންނެވެ. މި ކެއުމުގައި 365 ބާވަތުގެ ކާނާ ހިމެނެއެވެ.

މި ކެއުމުގެ ފޮޓޯއެއް ހިއްސާކޮށް އާއިލާގެ މީހަކު ބުނެފައިވަނީ އެމީހުންގެ ދަނބިދަރިއަށް މަރުހަބާ ކިޔުމަށާއި އޮތް ލޯބި ދައްކުވައިދިނީ 365 ބާވަތުގެ ކާނާއިން ކަމަށާއި އެއީ އަހަރެއްގެ ކޮންމެ ދުވަހަކަށް ވާގޮތަށް ކަމަށެވެ.

މި ކެއުން ތައްޔާރު ކޮށްފައިވަނީ ކައިވެނި ކުރުމުގެ ކުރިންނެވެ.

މި ކެއުން ތައްޔާރު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ އަންހެން ކުއްޖާގެ ކާފަ ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

މި ކެއުމުގައި އަންހެން ކުއްޖާގެ އަދި ފިރިހެން ކުއްޖާގެ ވެސް އާއިލާއިން ބައިވެރިވިއެވެ.

މި ކެއުމުގައި 30 ވައްތަރެއްގެ ރިހަ އާއި ބަތާއި ބިރިޔާނި ފަދަ ބާވަތްތައް ހިމެނެއެވެ. ތަފާތު ބުއިންތަކާއި ތަފާތު ބާވަތްތަކުގެ ބިސްކޯދާއި މޭވާގެ ބާވަތްތައް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނެކަ

    ދަނބިދަރި ޔަށް މާފޯރިހުރި މީހެއްދޯ