2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ވައިރަސް ކަމުގައިވާ ކޮވިޑް-19ގެ ސަބަބުން ސިއްހީ އެތައް މައްސަލަ ތަކަކާއި ކުރިމަތިވެއެވެ.

ވައިރަސް ޖެހި ރަނގަޅުވުމަށް ފަހު ވެސް އެތައް ކަންތައްތަކެއް ވެއެވެ. މިގޮތުން އެއްކަމަކީ ބޮލުން އިސްތަށި ފޭބުމެވެ.

މި ވައިރަސްގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ކަމަށް ބެލެވެނީ ދިފާއީ ނިޒާމަށެވެ. އިސްތަށި ފޭބުމާއި އިސްތަށިގަނޑަށް އަންނަ ބަދަލުތަކާއި އެންމެ ބޮޑު ގުޅުމެއް އޮންނަނީ ވެސް ދިފާއީ ނިޒާމާއެވެ.

އިސްތަށި ފޭބުން މަދުކުރުމަށް ކެއުން ރަނގަޅުކޮށް ގިނަގިނައިން ދިޔާ އެއްޗެހި ބޯން ޖެހެއެވެ.

މާގިނައިން އިސްތަށި ފައިބާނަމަ ދަނގަޑުގެ ބައި ރަނގަޅު ކުރަންޖެހެއެވެ. ދަނގަޑުގެ ބަޔަކީ އިސްތަށިގަނޑަށް ވަރަށް މުހިންމު ބާވަތެކެވެ.

ބައޮޓިންއާއި އެމިނޯ އެސިޑްސް ލިއްބައިދޭ ބާވަތްތަކުގެ ކާނާ ކެއުމަށް ވެސް ސިއްހީ ފަރާތްތަކުން އިރުޝާދު ދެއެވެ. އޭގެތެރޭގައި ދޮންކެޔޮ، ނަޓްސް ފަދަ ތަކެތި ހިމެނެއެވެ.

ބޮލުން އިސްތަށި ފައިބާ ފަރާތްތަކުން އެމީހުންގެ ހެނދުނުގެ ކެއުމުގައި ބަޓަރު ހިމެނުމަކީ މުހިންމު ކަމެކެވެ. އެއީ ވިޓަމިން އޭ، ކޭ، އީ، އޮމެގާ 3، 9 ފަދަ މާއްދާތައް ހިމެނޭތީއެވެ.

ސިއްހީ ފަރާތްތަކުން އެންމެ ބޮޑަށް އިރުޝާދު ދެއްވާ އެއްކަމަކީ ބޮލުގެ އިސްތަށި ފައިބާ ފަރާތްތަކުން އެމީހުންގެ ކެއުމުގައި ޕްރޮޓީން ލިއްބައިދޭ ބާވަތްތަކުގެ ކާނާ ހިމެނުމަށެވެ. އޭގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަވެ އިސްތަށި ފޭބުން މަދުކޮށްދޭނެއެވެ.

ޕްރޮޓީން ލިއްބައިދޭ ބައެއް ބާވަތްތަކުގެ ކާނާއަކީ މަހުގެ ބާވަތްތަކާއި ބިހާއި ތަފާތު ބާވަތްތަކުގެ ނަޓްސްއެވެ.