އާމިރް ޚާން އާއި ކަރީނާ ކަޕޫރުގެ "ލާލް ސިންގް ޗަދާ" ނެރުން ލަސްކޮށްފިއެވެ.

މި ފިލްމު ނެރުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ ލަސްކޮށްފައެވެ. އެންމެ ފަހުން މި ފިލްމު ނެރޭނެ ތާރީހެއް ކަމަށް ބުނެފައި ވަނީ މި އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހަށެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތްތަކުން ވަނީ މި ފިލްމު ނެރުން އިތުރަށް ލަސްކުރަން ނިންމާފައެވެ.

އޭޕްރީލް މަހު މި ފިލްމު ނެރެން ކުރިން ނިންމިއިރު އެމަހު ތެލަޕަތީ ވިޖޭގެ ބީސްޓް ވެސް ނެރެން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލާލް ސިންގް ޗަދާ އުފައްދާ ފަރާތްތަކުން ބުނާގޮތުގައި އިންޑިޔާގެ އެހެނިހެން ފިލްމުތައް ވެސް މިދުވަސްކޮޅު ދަނީ ސިނަމާތަކުގައި ގިނަބައެއްގެ ތަރުހީބު ހޯދަމުންނެވެ. އޭގެ ތެރޭގައި އަލޫ އަރްޖުންގެ ޕުޝްޕާ އާއި ރަންވީރު ސިންގްގެ 83 ހިމެނޭއިރު، އަވަހަށް މި ފިލްމު ރިލީޒްކޮށްފިނަމަ ލިބޭ ތަރުހީބު ކުޑަވެދާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

އިންޑިއާގެ ބައެއް މަސްދަރުން ހާމަކުރާގޮތުގައި މި ފިލްމު ނެރުން ފަސްކުރިއިރު ފިލްމުގައި މިހާރު ކުރަނީ ނިމުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތެވެ. އަދި މިހާރު މި ފިލްމު ނެރޭނެ ތާރީހު ރަސްމީކޮށް ލަސްކުރުމުން ފިލްމު އިތުރަށް ފުރިހަމަ ކުރުމަށް ވަގުތު ލިބި އެ މަސައްކަތަށް ވެސް އިތުރު ވަގުތު ހޭދަވެގެންދާނެއެވެ.

މި ފިލްމު ނެރޭނެ ތާރީހެއް އަދި ރަސްމީކޮށް ހާމަ ނުކުރާއިރު، ބެލެވޭގޮތުގައި ފިލްމު އުފައްދާ ފަރާތްތަކުން ވިސްނަމުންދަނީ ދިވާލީއާއި ދިމާކޮށް ފިލްމު ރިލީޒްކުރުމުގެ މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު