ފޭސްބުކް ލައިވްގައި ހުރެ އިންޑިއާގެ އާގަރާގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

24 އަހަރުގެ އެ ޒުވާނާ ދަންޖެހުން މަންޒަރު ފޭސްބުކްގައި ލައިވްކޮށްފައިރު 2000 އަށްވުރެ ގިނަ މީހުން ވަނީ އެ ލައިވް ބަލާފައެވެ. ނަމަވެސް އެތަނުން އެއްވެސް މީހަކު އެކަން ކަމާ ބެހޭ އެއްވެސް އިދާރާއަކަށް އަދި އޭނާގެ އާއިލާގެ މީހަކަށްވެސް އަންގާފައެއް ނުވެއެވެ.

1 މިނެޓް އާއި 9 ސިކުންތުގެ އެ ލައިވްގައި އެ ޒުވާނާ އަމިއްލައަށް ދަން ޖެހި މަރުވާ މަންޒަރު ވަރަށް ރަނގަޅަށް ފެނެއެވެ.

މުއްނާ ކުމާރު ނަމަކަށްކިޔާ ޒުވާނާ އަމިއްލައަށް ދަންޖެހިގެން މަރުވެފައިވަނީ އިންޑިއާގެ ސިފައިންގެއިން އޭނާއަށް ވަޒީފާ ނުލިބުމުން އެކަމުގެ ހިތާމައިގައެވެ.

އަދި އަމިއްލައަށް މަރުވުމުގެ ކުރިން މުއްނާ ކުމާރު ވަނީ ކުޑަ މެސެޖެއް އެކުލެވޭ ލިޔުންކޮޅެއް ދޫކޮށްލާފައެވެ. އެ ލިޔުން ކޮޅުގައި އޭނާ ވަނީ މައިންބަފައިންނާއި ރައްޓެހިންގެ ކިބައިން މާފަށް އެދިފައެވެ. އަދި އެމީހުންނަށް އެހާބޮޑު ދެރައެއް ދެވުނީތީ އޭނާ ވަނީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކޮށްފައެވެ.

މުއްނާގެ އާއިލާއާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާގޮތުން އޭނާ ސިފައިންގެ ވަޒީފާއަަށް ވަންނަން ފަސް ފަހަރު މަތިން މަސައްކަތްކޮށްގެންވެސް ވަނީ ކާމިޔާބީއާއި ހަމައަށް ވާސިލް ނުވެފައެވެ. އަދި މުއްނާ މަރުވި ދުވަހުވެސް އޭނާ އުޅުނީ ވަރަށް އާދައިގެ އުޅުމެއް ކަމަށާއި އޭނާގެ ފަރާތުން އެއްވެސް ތަފާތު ކަމެއް ނުފެންނަ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

އަދި މުއްނާ އަމިއްލައަށް މަރުވަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އާއިލާގެ އެއްވެސް މީހަކަށް ނުލިބޭ ކަމުގައި އާއިލާއިން ބުނެއެވެ.

މުއްނާގެ ހަށިގަނޑު އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިރު އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު