ބޮލީވުޑްގެ ސުޕާ ސްޓަރ ސަލްމާން ޚާންއާއެކު ގިނަ ފިލްމްތަކެއްގައި މަސައްކަތް ކުރި އަރުން ވެރްމާ މަރުވެއްޖެއެވެ.

އޭނާ ވަނީ ބޮލީވުޑްގެ 80 އަށްވުރެ ގިނަ ފިލްމްތަކުން ފެނިގެން ގޮސްފައެވެ. އޭނާ މަރުވެފައިވާކަން ގާތް ރަހުމަތްތެރިއަކު އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދިންއިރު، އޭނާ ވަނީ ސަލްމާންގެ ކިކް އާއި މުޖޭ ޝާދީ ކަރޯންގޭއިން ފެނިގެން ގޮސްފައެވެ.

އުމުރުން 62 އަހަރުގެ އަރުން މަރުވެފައި ވަނީ ކިޑްނީ ފެއިލްވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ މަރުވެފައި ވަނީ އިއްޔެ ރޭ 2:00 ޖެހިހާއިރުއެވެ. އަދި އޭނާގެ ޖަނާޒާ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރުއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާ އަށް މަރުވުމާއި ހަމައަށް ފަރުވާދެމުން ގޮސްފައި ވަނީ ޕީޕަލް ހޮސްޕިޓަލްގައެވެ. ފުރަތަމަ އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ ސިކުނޑީގައި ބްލޮކެއް އުޅޭތީއެވެ. އޭގެ ފަހުން އޭނާގެ ގުނަވަންތައް ފެއިލްވަމުން ގޮސް ކިޑްނީއާ ހަމައިން އޭނާ މަރުވީ ކަމަށް ވެއެވެ.

އަރުން ވަނީ ކަންގަނާ ރަނަވާތް އާއި ނަވާޒުއްދީންގެ ކުރިިއަށް ނެރެން އޮތް ފިލްމް ކަމަަށްވާ ޓިކޫ ވެޑްސް ޝެރޫގައި މަސައްކަތް ކޮށްފައެވެ.

އަދި އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު އިތުރު ތަރިންނާއެކުވެސް މަސައްކަތް ކޮށްފައެވެ.

އޭނާ ބޮލީވުޑަށް ތައާރަފްވެފައި ވަނީ 1987 ވަނަ އަހަރު ނެރުނު ފިލްމް ޑަސައިޓްއިންނެވެ.