ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވާޒްނޭގަރ އެކްސިޑެންޓެއް ވެއްޖެ އެވެ.

މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ އަދި ކުރީގައި އެމެރިކާގެ ކެލެފޯނިޔާގެ ގަވަނަރުކަންވެސް ކޮށްފައިވާ އާނޯލްޑް އެކްސިޑެންޓުވި މި ހާދިސާގައި އިތުރު ކާރުތަކެއްވެސް ވަނީ އެކްސިޑެންޓު ވެފައެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގައި އެކަކު ޒަހަމްވެ ވަނީ ހޮސްޕިޓަލުން ފަރުވާ ދީފަ އެވެ. އެކްސިޑެންޓުގައި ޒަހަމްވީ އަންހެނަކަށެވެ. އެގޮތުން އޭނާގެ ބޯ ފަޅައިގެން ގޮސް ގިނައަދަދަކަށް ލޭފައިބައިފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ލޮސްއެންޖަލިސްގައި ހިނގި މި އެކްސިޑެންޓުގައި އާނޯލްޑް އަށް އެއްވެސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ. މިއީ ހަތަރު އުޅަނދެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މަންޒަރުދުށް ފަރާތްތަކާއި ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި އެކްސިޑެންޓުގައި އެއްކާރު އަނެއްކާރުގެ މައްޗަށްވެސް އެރިއެވެ.

އާނޯލްޑް ދުއްވަމުން ދިޔައީ ޔޫކޯންއެކެވެ. އެ ކާރުގެ ޖެހިފައި ވަނީ ރަތް ކުލައިގެ ޓޮޔޯޓާ ޕްރިއަސްއަކާއި އެވެ. މި ދެ ކާރު ޖެހުމުން ކާރުގައި ހުރި ސޭފްޓީ އެއާބޭގްތައް ވަނީ ވަގުތުން ފުފި ދަތުރުކުރި ފަރާތްތަކަށް ގެއްލުންނުވާނެގޮތަށް ރައްކާތެރިކޮށްފައެވެ.

މި ހާދިސާގެ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާއިރު ކާރުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ. ފުލުހުންނާއި ހަވާލަދީ ރިޕޯޓްތައް ބުނާގޮތުގައި މި އެކްސިޑެންޓުގައި ކުށްވެރިވަނީ އާނޯލްޑް އެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ރަތް ލައިޓު ޖައްސާފައި ހުއްޓާ އާނޯލްޑް ގޯޅި އަޅަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.