އުމުރުން ދެ އަހަރުގެ އިސްމާއިލް ހޫދްއަކީ ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ތުއްތު ކުއްޖެކެވެ.

ބޭބެ އާއި ކޮއްކޮ އާއި އެކުގައި ކުޅުމާއި، ސަކަރާތުގައި އުފާވެރި ހަޔާތެއް ލ. ގަމުގައި ހޭދަކުރަމުން ދިޔަ ހޫދުގެ ހަޔާތަށް މި ބަނަކަން ވެރިވީ އުމުރުން އެންމެ ދެ އަހަރުގައެވެ. މިިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހޫދު ހުން އައެވެ. ދެ ދުވަހެއްގެ ތެރޭގައި މުޅިން ރަނގަޅުވެ، ހެލިފެލިވެ އުޅެން ފެށިއެވެ.

ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހުން އަންނަން ފެށިއެވެ. "އޮން އެންޑް އޮފް" ކޮށް ހުން އައުމާއެކު ބުރަކަށީގައި ރިއްސައި، ކަކުލުގައި ރިއްސަން ފެށިއެވެ. ހާލަތު ގޯސްވާން ފެށީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

ހޫދު އާއިލާގެ ދެ ކުދިންނާއެކު

ހުން އަންނަން ފެށުމުން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ދެއްކިއެވެ. ގިނަ ޓެސްޓްތަކެއް ހަދައި، ޑޮކްޓަރު ބުނީ އިންފެކްޝަން ނެތް ކަމަށެވެ. ނަމަވެސް، ލޭގެ ގިނަ މައްސަލަތަކެއް ހުރިކަން ޑޮކްޓަރަށް ފާހަގަވެ، އިތުރަށް ބަލާލަން އެނދުމަތި ކޮށްފައި ބޭއްވުމަށް ލަފާދިނެވެ.

ހޫދުއަށް މިވާގޮތް ބެލުމަށް އޭނާގެ މައިންބަފައިން ރިޕޯޓުތައް ގާތް ޑޮކްޓަރަކާ ހިއްސާކުރިއެވެ. އެ ޑޮކްޓަރުގެ ލަފައަކަށްވީ ވީ އެންމެ އަވަހަކަށް މާލެ އައުމެވެ. އެހެން ކަމުން ރަށު ހޮސްޕިޓަލުގައި އެނދުމަތިނުކޮށް، ޖެހިގެން އައި ދުވަހު ހޫދުއަށް ވާ ގޮތަކާއި، ރިޕޯޓުތަކުން ދައްކާ ގޮތުން ލޭގައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދަން މާލެ ފުރީ ދޮޅު އަހަރާއި، ތިން އަހަރާއި ދިހަ މަހުގެ ދެ ދަރިން ރަށުގައި ބައިތިއްބާފައެވެ. ފުރި އިރުވެސް އެ ދެމަފިރިން ތިބީ ދެތިން ދުވަހެއްގެ ތެރޭގައި އެނބުރި ރަށަށް އާދެވޭނެ ކަމުގެ އުންމީދުގައެވެ.

އުންމީދުކުރި ގޮތާ ހިލާފަށް ޑޮކްޓަރުންގެ ފަރާތުން ލިބުނީ އެ އާއިލާއަށް އިތުރު މޮޅިވެރިކަމެވެ. ދުވަހަކުވެސް ހީނުކުރާފަދަ ޖަވާބެކެވެ. އެ ވާހަކަތައް ހޫދުގެ މަންމަ ފަޒްލާ "ވަގުތު" އާ ހިއްސާކުރީ އަސަރާ އެކުއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައްލަވާފައި ބުނީ ޝައްކު ކުރެވެނީ ލޭގެ ކެންސަރު ކަމަށެވެ. ނަމަވެސް، ބަލާލަން ދެ ދުވަހެއްގައި އެނދުމަތިކޮށްފައި ބޭއްވިއެވެ. ދެ ދުވަހެއްގައި ބޭއްވި އިރުވެސް ހޫދުގެ ހާލަތު ވަކި ރަނގަޅެއް ނުވިއެވެ.

އިސްމާއިލް ހޫދު

ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ހޫދުގެ އާއިލާއިން އިންޑިއާއަށް ފުރިއެވެ. ބޯންމެރޯ ޓެސްޓްތައް ހަދައި ދެ ދުވަހެއްގެ ތެރޭގައި ހޫދުއަށް ޖެހިފައިވަނީ ލޭގެ ކެންސަރުކަން ކޮޗިންގެ ޑޮކްޓަރުން ބުނެދިނެވެ. ޑޮކްޓަރުން ބެލި ބެލިމުން އެނގުނު ގޮތުގައި އޭރު ލޭގައި 98 އިންސައްތަ ކެންސާ ސެލްސް ހުއްޓެވެ.

"މިހާރު ކީމޯ ތެރަަޕީ ދެނީ. މިކޮޅުގައި 10 މަސް މަޑުކުރަން ޖެހޭ. ދެ އަހަރާއި ބައި ވަންދެން ފަރުވާ ދޭން ޖެހޭ،" ހޫދުގެ މަންމަ ކިޔައިދިނެވެ.

ހޫދުގެ މައިންބަފައިންނަކީ ސަރުކާރު ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ ދެމަފިރިންނެވެ. މިވަގުތު ދެމީހުން ތިބީ "ނޯ ޕޭ ލީވް" ގައި ކަމުން، ހޫދުގެ ފަރުވާ ކުރިޔަށް ގެންދިއުމަށް މާލީ ގޮތުން ވަނީ ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައެވެ. އިންޑިއާގައި ތިބުމުގެ ހަރަދުވެސް ބޮޑެވެ. އާއިލާއަކީ މިފަދަ ހަރަދުތައް ކުރުމަށް މާލީގޮތުން ތަނަވަސްކަން ލިބިފައިވާ ބައެއް ނޫންކަމަށާއި، ހޫދުގެ ފަރުވާއަށް ވީހާވެސް އަވަހަކަށް ފައިސާގެ އެހީތެރިކަމަށް ވަނީ އިންތިހާއަށް ބޭނުންޖެހިފައި ކަމަށް ހޫދުގެ މަންމަ އަސަރާއެކު ކިޔައި ދިނެވެ.

ހޫދު އަށް މިވަގުތު ބޭނުން ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއެކެވެ. މާތް ﷲ ހޫދު އަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި!

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓަށް ފައިސާ ފޮނުއްވޭނެ:

އަހްމަދު ލަސަން (ހޫދުގެ ބައްޕަ) :7701142127101 | ނަންބަރު: 7773131

________________________________

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއްޖެ

    ކޮމަންޑޫގަ 200 މިލިޔަނަށް ބޭކާރު ބްރިޖެއް އެޅުމަށް ވުރެ ބޭސް ފަރުވާއަށް ސަލާން ޖެހުން ނައްތާލަން މަސައްކަތް ކުރިއްޔާ މާ ތާހިރުވާނެ.

    26
    1
  2. ގަން

    މިސް، އިންޝާﷲ..އަވަސް ޝިފާއެއް ދެއްވާށި...ހާސްވެ ކަންބޮޑު ނުވޭ...ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ...v

    30
    1
  3. މުހަންމަދު

    ތި ތުއްތު ކުއްޖާއަށް ބޭހުގެ ހުރިހާ ޚަރަދެއް ކުރަން ސަރުކާރަށް މަޖުބޫރުވާނެ، އާއަހަރަށް ނައިޗަރަންގީ ބޭއްވުމަށާއި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްސަންގެ ރިސްވަތަށް މިލިޔަނުން ޚަރަދު ކުރަން ފައިސާހުރޭ، ދެން ދެއްކުން ތެރިކަމުގެ އިންތިހާ ދެ ސޭޓުން ކަމަށްވާ މަނިކު ސޭޓާއި. މަންޑޭ ފަދަމީހުންނަކަށް މިކަހަލަ ކަމަކަށް ދޭނެ ފައިސާއެއް ނުހުންނާނެ.

    19
    2
  4. Anonymous

    ކޮބާހޭ މި ގައުމުގެ ސަރުކާރާއި، މި ގައުމުގެ މަހުޖަނުން. ފަގީރުންގެ ދަރިންނަށް ބޭސްކުރަން ފަގީރުން ޗަންދާ ނަގައިގެން ހޭދަކުރުމަކީ ދެރަވަރުގެ ކަމެއް. މި ގައުމުގެ ބިންބިމާއި ރަށްރަށް ނަގައިގެން ތިބި މަހުޖަނުންގެ ޒިންމާއެއް އޮންނަންވާނެ މިފަދަ ކަންކަމުގައި. އެއިން ބައެއް މީހުންނަށް މަހަކު އެބަލިބޭ ދެ މިލިއަން ރުފިޔާ ސާފު ފައިދާ. އެއިން މީހަކު ޓެކްސީގައި އެންމެ ދަތުރެއް ކޮށްލާފަ ޑްރައިވަރަށް އެބަދޭ ފަންސަވީސް ހާސް ރުފިޔާ.

    12
  5. ޜަނާ

    ކުރިން އޮންނަނީ ކެންސަރ ކިޑްނީ ފެއިލްވުންފަދަ ބަލިތަކުގެ ބަލިމީހުން ބަލަން ޖެހޭ މީހުނަށް 6މަސްދުވަހުގެ ޕޭލީވެއް ލިބޭގޮތަށް. އަދި އެއޮފީހެއްގެ ވެރިންނަށް ތިބޭ މީހުން ހަމަޖައްސައި ދީފި ނަމަ މުސާރައިގެ ދެބައިކުޅަ އެެއްބައި ލިބޭގޮތަށް ވެސް ޗުއްޓީ ދެވިދާނެ .

  6. ނަން

    އިންޝާﷲ ރަގަޅުވާނެ، ކެއްކުރޭ. އަހަރެން ވެސް ނުވަަދިހާގައި ކުޑަކުއްޖެގޮތު ގައި ހުރިއިރު ލޭގެ ކެންސަރަށް ބޭސްކުރިން. ﷲ ނިއުމަތުން އައިލާގެ މަސަކަތާއެކު ރަގަޅުވެފައި މި ހުރީ. މަސަކަތް ކުރުން ހުއްޓާ ނުލާތި.