ބްރެޒިލްގައި އަލަށް އުފަންވީ ކުއްޖަކު، މަރުވީ ކަމަށް ހީކޮށް ވަޅުލާން އުޅެނިކޮށް ދިރިހުރިކަން އެނގިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދުވަސް ނުފުރާ ވިހެއި އެކުއްޖާ ވަޅުލުމުގެ ތައްޔާރީތައް ވާން ފަށާފައިވަނީ ކުއްޖާ ވިހެއި އެގައުމުގެ ޑޮކްޓަރަކު ކުއްޖާ ވިހެއި އިރުގައި ވެސް މަރުވެފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.

ކުއްޖާގެ ވާހަކަ މީސްމީޑިއާގައި ދައްކަމުން އަންނައިރު، ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެން ގޮސްފައިވަނީ 18 އަހަރުގެ ކުއްޖާގެ މަންމަ ބަނޑުބޮޑުކަން ނޭނގި ހުރެ ވިހެއުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަންހެން މީހާ ގެއަށް ވިހާފައިވަނީ ބަނޑަށް ތަދުވެގެން ލޭމަނާ ނުވެގެން ހޮސްޕިޓަލަށް ދިއުމުން އޭނާ ގެއަށް ފޮނުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

ދަރިފުޅު ވިހެއުމަށްފަހު އަންހެން މީހާ ވަނީ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ވަނީ ދަރިފުޅު މަރުވެފައިވާ ކަމަށް ބުނެފައެވެ.

ހޮސްޕިޓަލުން ކުއްޖާ މަރުވެފައިވާކަމަށް ބުނި ނަމަވެސް ކުއްޖާ ދިރިހުރި ކަން އެނގިފައިވަނީ ހިނެވުމުގެ ކަންކަން ކުރަމުން ދިޔަ މީހާއަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ކުއްޖާގެ ކުޑަ ހަރަކާތްތަކެއް ހުރިކަން އެނގުނު ކަމަށާއި އޭގެ ފަހުން ހިތުގެ ވިންދު ހުރިތޯ ބެލިއިރު، ވިންދު ވެސް ހުރި ކަމަށެވެ.

އެއާއި އެކީ އާއިލާއިން ވަނީ ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުން ވެސް ވަނީ އެ ކުއްޖާ އެންއައިސީޔޫއަށް ލައި ފަރުވާ ދޭން ފަށާފައެވެ.

ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި މިހާރު ވެސް ކުއްޖާގެ ހަރަކާތްތައް އެބަ ހުއްޓެވެ. އެހެން ނަމަވެސް އެތަނުން ދޫކޮށްލާނެ ދުވަހެއް ސީދާ ބުނަން ދަތި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.