ކުޅަދާނަ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އާއި ލޯބީގެ ގޮތުން ގުޅުނީ ފައިސާގެ ދަހިވެތިކަމުގައި ނޫންކަމަށް އޭނާގެ މިހާރުގެ ލޯބިވެރިޔާ ޖޫލިއާ ފޮކްސް ބުނެފިއެވެ.

ފޮކްސް މިފަދައިން ބުނެފައި މިވަނީ އޭނާ ކާންޔޭ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ބައެއް ފަރާތްތަކުން އެއީ ހަގީގީ ލޯބި ވެގެން ނޫންކަމަށް ބުނެ ފޮކްސް އަކީ ފައިސާއަށް މޮޔަވެފައިވާ މީހެއް ކަމަށް ބުނަމުންދާތީއެވެ.

ކާންޔޭ އާއި ފޮކްސް ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު މި މަހުގެ ކުރީކޮޅު މި ދެތަރިން ވަނީ ފުރަތަމަ ދިމާވި ތާރީހާއި އިތުރު ވާހަކަތައް ފޭނުންނާއި ހިއްސާކޮށްފައެވެ.

ބައެއް ފަރާތްތަކުން ފޮކްސް އަށް ފާޑުކިޔަމުންދާއިރު ނިކީ ޓަކޭޝް އާ އެކު ޕޮޑްކާސްޓް ފޮބިޑެން ފްރުޓްސް ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ފޮކްސް ބުނީ އޭނާ އާއި ކާންޔޭގެ ގުޅުމާ މެދު މީހުން ދެކޭ ގޮތާ މެދު އޭނާ އެއްވެސް ގޮތަކަށް އަޅާނުލާ ކަމަށެވެ.

ކާންޔޭ އާ ރައްޓެހިވުމުން ބައެއް ފަރާތްތަކުން ބުނީ އެއީ މަޝްހޫރު ވާން ފޮކްސް ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ. އެއަށް ރައްދުދެމުން ފޮކްސް ބުނީ އޭނާ ކުރީގައިވެސް ބިލިއަނަރުންނާއި ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށެވެ. އަދި އެކަން އެގޮތުގައި ބޭއްވުމަށް އޭނާ ވަނީ އެދިފައެވެ.

ކިމް ކާޑޭޝިއަން އާއި ކާންޔޭ ވަކިވުމަށްފަހުން ދެމީހުން ވެސް ވަނީ ލޯބިވެރިން ހޯދާފައި އެވެ. ނަމަވެސް އެމީހުންގެ ކުދިންގެ ކަންކަމުގައި އަބަދުވެސް ދެމީހުން ބައިވެރިވެއެވެ.