ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން ގޮރިއްލާ ކަމަށްވާ އޮޒީ މަރުވެއްޖެއެވެ.

އޮޒީ މަރުވި އިރު އުމުރަކީ 61 އަހަރެވެ. އެ ގޮރިއްލާ މަރުވެފައި އޮއްވާ ފެނިފައިވަނީ އެމެރިކާގެ ޖޯޖިއާގެ ޒޫ އެޓްލާންޓާގައި ހަރަކާތްތެރިވި ކެއާ ޓީމަށެވެ.

އޮޒީ މަރުވި ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް، ޒޫގައި ހަރަކާތްތެރިވަމުން ދިޔަ ކެއާ ޓޭކަރުން ބުނީ މިދިޔަ ހަފުތާއިން ފެށިގެން އޮޒީގެ ކެއިން ބުއިމަށް ބަދަލު އައިސްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އޮޒީ ކެއުމާއި ބުއިމަށް ހިތްވަރު ދިނުމުގެ ގޮތުން ސަޕޯޓިވް ކެއާ ފޯރުކޮށްދެމުން ދިޔަ ކަމަށް އެ ޓީމުން ބުނެފައިވެއެވެ.

އެކަމަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގޮރިއްލާއަށް ފަރުވާ ދީފައި ވަނީ މޫނު ދުޅަވެ، ބަލިކަށިވެ، ކާ އެއްޗެއް ނުކެވުމުގެ ސަބަބުން ކަމަށް ޒޫއިން ބުނެފައިވެއެވެ.

ޒޫގެ ރައީސް އަދި ޗީފް އެގްޒެކެޓިވް ރޭމަންޑް ބީ ކިންގް ވިދާޅުވީ "މިއީ ޒޫ އެޓްލާންޓާއަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއް. މި ދުވަސް ކޮންމެވެސް ހިސާބަކުން އަންނާނެކަން އިނގޭ،" ކަމަށެވެ. އިތުރަށް ރޭމަންޑް ވިދާޅުވީ އޮޒީ ވަކިވެގެން ދިއުމުން ކުރެވެނީ "ލެޖެންޑް" އެއް ވަކިވެދިއުމުން ކުރެވޭ ހިތާމަވެރި އިހުސާސް ކަމަށެވެ.

މިދިޔަ އަހަރު އެޓްލާންޓާ ޒޫއިން ކޮވިޑް-19 އަށް ފައްސިވީ 13 ގޮރިއްލާގެ ތެރޭގައި އޮޒީ ވެސް ހިމެނުނެވެ.

ޔުނިވާސިޓީ އޮފް ޖޯޖިއާގެ ވެޓެރިނަރީ ކޮލެޖުން އޮޒީގެ ޕޯސްޓް މޯޓަމްގެ ނަތީޖާ ތައްޔާރު ކުރުމުން އެ ރިޕޯޓު ހާމަކުރާނެ ކަމަށް ޒޫއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތެދު

    އޮޒީ މަރުވީ އަޖަލު ހަމަވެގެން ނެވެ.

    2
    1
    • ސަނީ

      ސުކުރިއްޔާ، އަހަރުން ލޯ ހުޅުވަދިނީތީ.. އަހަރުން އެންމެން ހީކޮއްގެން މިހިރީ އަޖަލު ޖެހުމުގެ އެއްދުވަސް ކުރިން މަރުވީއޭ، މިވީ ކިހިނެއްބާއޭ ؟