ޕާކިސްތާނުގައި އޮންލައިން ގޭމް ޕަބްޖީގެ "ނުފޫޒު"ގައި ޖެހި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ މުޅި އާއިލާގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

އެ ކުއްޖާ މަރާލި މީހުންގެ ތެރޭގައި މަންމަ އާއި ކުޑަ ދެ ކޮއްކޮ ވެސް ހިމެނެއެެވެ.

މިދިޔަ ހަފްތާ ލަހޫރްގައި ކަހްނާ ސަރަހައްދުގައި މި ހާދިސާ ހިނގިއިރު، އެގޭގައި ސަލާމަތުން ހުރި އެ ކުއްޖާއަކީ އޭނާގެ މުޅި އާއިލާ މަރާލި މީހާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"ޕަބްޖީއަށް ދެވިހިފައިފައިވާ އެ ފިރިހެން ކުއްޖާ ވަނީ ގޭމްގެ ނުފޫޒުގައި ޖެހި އޭނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ ކޮއްކޮ މަރާލި ކަމަށް އިއުތިރާފުވެފައި". ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނެފައި ވަނީ، އޭނާ އޮންލައިން ގޭމް ކުޅުމުގައި ދުވާލުގެ ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި ދަރިފުޅު ނުކިޔަވާ ގޭމްގެ ތެރޭގައި އުޅޭތީ މަންމަ ދޭތެރެއަކުން ޒުވާބު ކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ހާދިސާ ހިނގި ދުވަހުވެސް މަންމަ އޭނާއާ އެކަމާ ޒުވާބު ކުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އޭނާ، މަންމަ އާއި ކޮއްކޮމެން މަރާލާފައި ވަނީ ނިދާފައި ތިއްބާ ބަޑި ޖަހައިގެންނެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ، އަނެއް ދުވަހުގެ ހެނދުނު އޭނާ އަވައްޓެރިންގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.

ޕަބްޖީ ގޭމަށް ދެވިހިފައިގެން އުޅޭ ކުދިންގެ މެދުގައި މީގެ ކުރިންވެސް މިފަދަ ކަންތައް ހިނގާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިއީ މިއަދު ހުޅަނގުން މުޅި ދުނިޔެއަށް ޖައްސާފައިވާ ޢާލަމީ ވަބާއެއް. އަހަރުމެން އިސްލާމުން މި މަޅިއަށް އަމިއްލައަށް މެހުމަކީ އަހަރެމެންގެ މޮޔަކަން.

    22
    1
    • ޢަހުމަދުވަގާރު

      ކަލޭ ހުޅަގުގެ ވަބާ ބޭނުން ކޮށްގެން ތި ކޮމެންޓް ކުރަނީ ކީއްވެ. ސައުދީން, ޕާކިސްތާނުން އިންސާނިއްޔަތަށް ދިން ހަދިޔާ އަކީ ކޮބައިބާ